ފީފާ އިން އިންތިޒާމް ކޮށްގެން ކުރިމަގުގައި ބާއްވާ ވޯލްޑް ކަޕް ތަކުގައި މިފަހަރު އީރާނަށް ޖެހުނު ހާލު ޖެހުނަނުދިމަށް ފީފާއިން މަސައްކަތް ކުރުމަށް އީރާންގެ ކޯޗު އާމިރު ގަލެނޯއި އެދިއްޖެއެވެ.
އޭނާ މިކަމަށް އެދިފައިވަނި ވޯލްޑް ކަޕް ގްރޫޕް ޖީގައި މިޞްރާއި ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
އީރާންގެ ކޯޗު ބުނީ އޭނާ އެދެނީ ފީފާ ކައިރިން އެންމެ ކަމަކަށް ކަމަށާއި އެއީ ދެން ބާއްވާ ވޯލްޑް ކަޕް ތަކުގައި އެޓީމަށް ޖެހުނު ހާލު އެއްވެސް ޓީމަކަށް ނުޖެހޭނެގޮތް ހެދުން ކަމަށެވެ. އަދި ފީފާގެ ރައީސް މިކަމަށް ވަކާލާތު ކުރާނެކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ބުންޏެެވެ.
މިމެޗުގެ އެންމެ ފަހު ވަގުތު އީރާން އިން ކާމިޔާބު ކުރި ލަނދު ވީއޭއާރުން ބެލުމަށްފަހު އޮފް ސައިޑް ކަމަށް ދެއްކުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ގަލެނޯއީ ބުނީ މިކަންކަން ނިންމަކީ ޓެކްނޮލޮޖީ ބޭނުން ކޮށްގެންކަމުން އެކަމުގައި އެއްވެސް ޝަކުވާއެއް ނެތް ކަމަށާއިނަމަވެސް އެޓީމުގެ ނަސީބު އެހާ ދައްވުމުން ހިތާމަ ކުރާ ކަމަށެވެ.
މިމެޗަށްފަހުވެސް އީރާންގެ ކޯޗުވަނީ އެޓީމާއި މެދު އެމެރިކާއިން ކަންކުރިގޮތަށް ފާޑުކިޔާ އޭނާގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި 32 ޓީމުގެ ބުރުން ޖާގަ ލިބޭތޯ އެޓީމު މެކްސިކޯގައި ބަލަން ތިބޭނެކަމަށާއި ނަތީޖާތައް އެނގިގެންދާނީ އެންމެ ފަހު މެޗުތަކަށް ފަހު ކަމަށް އޭނާ ބުންނެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން މިޞްރުގެ ކޯޗު ހޮސާމް ހަސަން ބުނީ ޓީމަށް އަނިޔާގެ މައްސަލަ ތަކާއި ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް މެޗަށް ޓީމުގައި ތިބި ކުޅުންތެރިންނާއެކު ތައްޔާރު ވާނެކަމަށެވެ.
މެޗުގެ ދެވަނަ ހާފުގައި ކެޕްޓަން މުހަންމަދު ސަލާހް އާއި މޮސްތަފާ ޝޮބެއިރުއަށް ލިބިގެންދިޔަ އަނިޔާ ޑޮކްޓަރުން ވަރަށް ގާތުން ބަލާނެކަމަށެވެ. އަދި ސަލާހް އަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް ވާނެކަމަށް އުންމީދު ނުކުރާ ކަމަށް މިޞްރުގެ ކޯޗު ބުންޏެވެ.