ކުޅިވަރު

ޕާކިސްތާނުގެ ކްރިކެޓް ވަޅުޖެހުނީތަ؟ ފާޑުކިއުންތަކަށް މިނިސްޓަރުގެ ރައްދު


ޕާކިސްތާނުގެ ކްރިކެޓް ވަޅުޖެހިފައިވާ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް ކްރިކެޓް ބޯޑުގެ ރައީސް އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ވަރަސް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ރައީސްކަން ވެސް ކުރައްވާ ނަގްވީ ފާޑުކިއުންތަކަށް ރައްދު ދެއްވީ އިންގްލޭންޑް އަތުން 194 ލަނޑުން ޕާކިސްތާން ބަލިވުމުން ގައުމީ ޓީމުގެ ހަތް ކުޅުންތެރިއަކާއި ކޯޗިން ޓީމު މަގާމުން ވަކިކުރުމާއެކު އުފެދުނު އުދާސްތަކާ ހެދި އެވެ. މިކަމާމެދު ހިތްހަމަ ނުޖެހުނު ކުރީގެ ބައެއް ކުޅުންތެރިން ބުނީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުން އެ ގައުމުގެ ލެޖެންޑުންނަށް އިހްތިރާމް ނުކުރާ ކަމަށެވެ. މި ފަދަ ވާހަކަތަކުގެ މައިގަނޑަކީ ކޯޗުކަމުން ކުރީގެ ކުޅުންތެރިޔާ ޝަފްރާޒް އަހުމަދު، އަދި ބޯލިން ކޯޗުކަމުން އުމަރު ގުލް ވަކިކުރުމާއި އެކަމާ ގުޅިގެން ސިލެކްޝަން ކޮމިޓީން ކުރީގެ ކެޕްޓަން މިސްބާހުލް ހައްގު އިސްތިއުފާ ދިނުމެވެ. މިކަމަށް އިޝާރާތްކޮށް ކުރީގެ ބައެއް ކުޅުންތެރިން ބުނީ 1992 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ގައުމުގެ އެންމެ މަގްބޫލު ކުޅިވަރު ވަޅުޖެހިއްޖެ ކަމަށެވެ.

"ދެކުނު އެފްރިކާ ބަލިވެއްޖެ ނެމީބިއާ އަތުން، އިންޑިޔާ ބަލިވެއްޖެ އަޔަލޭންޑް އަތުން. ބަލާލަންވީނު މިތަންތަނުގެ ކްރިކެޓް ހަލާކުވެއްޖެތޯ؟ ބަލިވުމަކީ އޮންނަ ކަމެއް. ބައެއް މީހުން ފާޑު ކިޔަނީ އަމިއްލަ ބޭނުންތަކަށް. ޒާތީކޮށް. އަހަރެން މާބޮޑަށް ސަމާލުކަމެއް ނުދެން މިފަދަ ގޮތަކަށް ފާޑުކިޔާ މީހުން ދައްކާ ވާހަކަތަކަށް. (ކުރީގެ ކެޕްޓަން އަދި ޕާކިސްތާނުގެ އެންމެ ނުފޫޒުގަދަ ކްރިކެޓް ކުޅުންތެރިޔާ) ވަސީމް އަކްރަމް ފަދަ މީހަކު ފާޑުކިޔައިފިނަމަ އަހަރެން އެކަމާ ވިސްނާނަން،" ނަގްވީ ވިދާޅުވި އެވެ.

"އަހަރުމެން ޓީމަ ބަދަލު ގެނައީ ގެންނަން ޖެހުމުން. ކުޅުންތެރިން އަބަދަށް ގައުމީ ޓީމުން ވަކިކުރީއެއް ނޫން. އެމީހުންނަށް ބައެއް ފަހަރު ފޯމު ކަޓައި ނުކުޅެވުނީމަ ބަދަލު ކުރަން ޖެހޭ. ކޯޗުން ބަދަލު ކުރީ ބައެއް ފަހަރު ސިލެކްޝަނުގެ މައްސަލަތައް ހުންނާތީވެ. މިކަންކަމަށް އަހަރެން (ޕާކިސްތާނުގެ ކްރިކެޓް ބޯޑާއި ސަރުކާރަށް) ޖަވާބުދާރީވާން ޖެހޭ،" ނަގްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީމަށް ގެނައި ބަދަލުތަކާއެކު ޕާކިސްތާނުގެ ކްރިކެޓް ޓީމުގެ ކުޅުން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށާއި ކޮންމެ ބަދަލަކާއެކު ކުރިއެރުން ވެސް އަންނާނެ ކަމަށެވެ. އަދި ކްރިކެޓް ރޭންކިންގައި މިދިޔަ ދެތިން އަހަރު ޕާކިސްތާނު ހޯދި ކުރިއެރުން ފާޑުކިއުންތެރިންނަށް ނުފެންނަނީތޯ ވެސް ނަގްވީ އެއްސެވި އެވެ.