ޚަބަރު

ޔޫކްރެއިނަށް 1،000 މިސައިލް ހޯދަން އެއްބަސްވުމަކަށް


އެކުވެރި ޤައުމުތަކުގެ އެހީތެރިކަމާއެކު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ލޯނު އެހީގެ ދަށުން، އެމެރިކާގައި އުފައްދާ ޕޭޓްރިއަޓް ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ ގާތްގަނޑަކަށް 1،000 މިސައިލް ހޯދުމުގެ އެއްބަސްވުމެއްގައި ޔޫކްރެއިނުން ސޮއިކޮށްފިއެވެ.

ޔޫކްރެއިނުގެ ދިފާޢީ ގްރޫޕުގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން، އެ ޤައުމުގެ ދިފާޢީ ވަޒީރު ޔެވްހެނީޔޭ ޚެމާރާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ލިބޭ މިސައިލްތަކުގެ ބޮޑު ބައެއް ލިބޭނީ ކުރިއަށް އޮތް އަހަރުތަކުގައި ކަމަށެވެ.

އެހެންކަމުން، މި ވަގުތަށް ކޮންމެހެން ބޭނުންވާ އަސްކަރީ އެހީތެރިކަން ލަސްނުކޮށް ފޯރުކޮށްދިނުމަށް އޭނާ ވަނީ އެކުވެރި ޤައުމުތަކަށް އިލްތިމާސްކުރައްވާފައެވެ.

އޭގެ ފަހުން ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ޚެމާރާ ފާހަގަކުރެއްވި ގޮތުގައި، ސޮއިކުރެވުނު އެއްބަސްވުންތަކުގެ އިތުރުން، ހުޅަނގުގެ ޤައުމުތަކުގައި މިހާރުވެސް ހުރި ވައިގެ ދިފާއީ މިސައިލްތައް ޔޫކްރޭނަށް މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި ޑްރޯން ހޯދުމަށް ބޭނުންވާ ބަޖެޓުން 27 ބިލިއަން ޑޮލަރުގެ ދަތިކަމެއް ހުރުމުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ހަނގުރާމައިގެ ކުރިމަގަށް ޔޫކްރެއިނުން ރާވާފައިވާ ޕްލޭންތަކާއި، ރަޝިއާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކުގެ މަޢުލޫމާތު އޭނާ ޙީއްސާކުރެއްވިއެވެ.

އަދި 1،200 ކިލޯމީޓަރުގެ ހަނގުރާމައިގެ ކުރީ ސަފުގައި ރަޝިއާއަށް އެއްވެސް ކުރިއެރުމެއް ނުހޯދޭ ކަމަށާއި، މައިދާނުގައި ވާ ނާކާމިޔާބީތައް ފޫބެއްދުމަށް ރަޝިއާއިން ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުލްޙައިގެ މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުންގެ ދަތުރުފުޅާ ދިމާކޮށް މެދުކަނޑާލާފައި އޮތް ހަމަލާތައް، ރަޝިއާއިން އަލުން ފަށައި، އަންގާރަ ދުވަހު ކީވްއަށް ވަނީ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ވެރިރަށުން އެކަނިވެސް ފަސް މީހުން މަރުވެފައިވާއިރު، އެހެން ސަރަޙައްދުތަކުންވެސް އިތުރު ބަޔަކު ވަނީ މަރުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭ ވިދާޅުވީ، ހުރިހާ ދާއިރާއަކުންވެސް ޔޫކްރޭނުން ހޯދަމުންދާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށާއި، އަމިއްލަ ވައިގެ ސަރަޙައްދު ދިފާޢުކުރުމުގެ ޤާބިލުކަން އެ ޤައުމަށް އިތުރުކޮށްދިނުމަށްޓަކައި އަސްކަރީ އެހީތެރިކަން ފުޅާކުރުން ނޫން އެހެން ގޮތެއް އެކުވެރި ޤައުމުތަކަށް މިވަގުތު ނެތް ކަމަށެވެ.