ޚަބަރު

ބެލްޖިއަމްގެ ތަޖުރިބާކާރު ކުޅުންތެރިންނަށް ކޯޗުގެ ތައުރީފް


  • ބެލްޖިއަމް މިމެޗު ކާމިޔާބު ކުރީ 5 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރަމުންދާ ބެލްޖިއަމް ޤައުމީ ޓީމުގައި ތިބި ތަޖްރިބާކާރު ކުޅުންތެރިންނަށް އެޓީމުގެ ކޯޗު ރޫޑީ ގާސިއާ ތައުރީފް ކޮށްފިއެވެ.

ބެލްޖިއަމްގެ ކޯޗު މި ކުޅުންތެރިންނަށް ތައުރީފް ކޮށްފައިވަނީ ގްރޫޕް ޖީގައި ނިއުޒީލަންޑާއި ބައްދަލުކުރި މެޗު ކާމިޔާބު ކުރުމުގައި އެކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. މިމަޗު 5 ލަނޑު އެއް ލަނޑުން ކާމިޔާބު ކުރުމާއެކު ބެލްޖިއަމްވަނީ މިގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި 32 ޓީމުގެ ބުރުން ޖާގަ ލިބިގެން ގޮސްފައެވެ.

ގާސިއާ ބުނީ މިމެޗުގައި އެޓީމަށް ލިބިގެންދިޔަ ފުރުސަތު ތަކުގެ ބޭނުން ހިފައިފިކަމަށެވެ. އަދި މިމެޗަށް ނިކުންއިރު ފުރަތަމަ ދެމެޗު އެއްވަރު ވެފައިވުމުގެ ސަބަބުން މިމެޗުން މޮޅުވުން ބެލްޖިއަމްއަށް ވަރަށް މުހިންމުވިއެވެ. ގާސިއާ ބުނީ އޭނާގެ ޓީމުގައި ތިބި ފަދަ ތަޖްރިބާކާރު ކުޅުންތެރިން ތިބުމުން އެކުޅުންތެރިންއަށް އިތުބާރު ކުރުން ވަރަށް މުހިންމު ކަމަށެވެ.

އޭނާ ބުނީ މިމެޗުގައި ލިއާންޑްރޯ ޓްރޮސާޑް ދެ ލަނޑު، ކެވިން ޑިބްރުއިނަރ އެއް ލަނޑު ޖަހާ އެއް އެސިސްޓް އަދި ރޮމެލޫ ލުކާކޫވެސް ވަނީ އެއް ލަނޑު ޖަހައިފައެވެ. އަދި މެޗަކަށްފަހު މެޗެއްގައި ބެލްޖިއަމް ޓީމުގެ ކުޅުން ރަނގަޅު ވަމުން އަންނަ ކަމަށްވެސް ގާސިއާ ފާހަގަ ކުރިއެވެ.

މިމެޗަށްފަހު ވާހަކަ ދައްކަމުން ނިއުޒީލަންޑްގެ ކޯޗު ޑެރެން ބޭޒްލީ ބުނީ އަދިވެސް މިމުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ކަން ބަލައިގަންނަން އުނދަގޫވެފައިވާ ކަމަށެވެ.

އޭނާ ބުނީ މިމެޗު ވެގެންދިޔައީ އެޓީމަށް ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ. އަދި މިމެޗަށް ނިކުންއިރު އެޓީމަށް ދެވަނަ ބުރުން ޖާގަހޯދުމުގެ ފުރުސަތު އޮތުމުން ކޮންމެވެސް ވަރެއްގެ އުންމީދެއް އޮތް ކަމަށެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ 20 މިނެޓް ވެގެންދިޔައީ ވަރަށް އުނދަގޫ ވަގުތު ކޮލަކަށް ކަމަށެވެ. މިވަގުތު ކޮލުގެ ތެރޭގައި އޭނާގެ ކުޅުންތެރިން ވަރަށް ހިތްވަރާއެކު ޑިފެންޑް ކުރި ކަމަށެވެ.

ބޭޒުލީ ބުނީ އެޓީމުގެ ވިސްނުން މިމެޗުގައި ހުރީ ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންޑްކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ބެއްވުމަށްފަހު ފަހު ހާފުގައި ކުރިއަށް ޖެހިލުމަށް ކަމަށެވެ. ނަމަވެސް ބެލްޖިއަމްގެ މޮޅު ކުޅުމާއެކު އެޓީމަށް އެކަން ހާސިލް ނުކުރެވުނީ ކަމަށް އޭނާ ހާމަކުރިއެވެ.