ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް މިފަހަރު ވާދަކުރަމުންދާ ކާބޯ ވާޑޭ އަށް މިމުބާރާތުގެ 32 ޓީމުގެ ބުރުން ޖާގަހޯދުންމީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާކަމުގައި އެޓީމުގެ ކޯޗު ބުބިސްޓާ ބުނެފިއެވެ.
ކާބޯ ވާޑޭއަށް ވަނީ ގްރޫޕް އެޗްގައި މިއަދު ހެނދުނު ސައުދީ އަރަބިއާ އާއި ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ކުރުމާއެކު އެއް ޕޮއިންޓް ލިބިފައެވެ. އެހެން ކަމުން މިގްރޫޕްގައި ކުޅުނު ތިން މެޗުންވެސް އެއްވަރުވެ ތިން ޕޮއިންޓާއެކު ކާބޯ ވާޑޭ މިވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.
މިމެޗަށް ފަހު ވާހަކަ ދައްކަމުން ކާބޯ ވާޑޭގެ ކޯޗު ބުބިސްޓާ ބުނީ މިހެން މިކަން ކުރެވިދާނެކަމަށް ކުރިންވެސް ކޮންމެވެސް ވަރަކަށް ހީކުރެވިފައިވި ކަމަށެވެ. އަދި މިޓީމުންވެސް ބޭނުންވެފައިތިބީ އެކުޅުންތެރިންގެ ކުޅުން ދުނިޔެއަށް ދައްކާލަން ބޭނުންވެފައެވެ. އަދި މިހާތަނަށް މިމުބާރާތުގައި ހާސިލް ކުރެވުނު ކަންތައްތަކާމެދު މުޅި ޓީމުވެސް ފަހުރުވެރިވާކަމަށް ބުބިސްޓާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މިފަހަރުގެ މުބާރާތުގައި މިކުޑަ ޤައުމު މިދައްކުވައިދިނީ އެޓީމުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަަށްޓަކައި ގަދައަޅާ މަސައްކަތް ކުރާނެކަން ކަމަށާއި އަދި ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމެވެ.
މިގްރޫޕްގެ ދެވަނަ ޓީމުގެ ހައިސިއްޔަތުން ކާބޯ ވާޑޭ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ޖޭ އެއްވަނަ ޓީމު އަދި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއެވެ. ބުބިސްޓާ ބުނީ އާޖެންޓީނާ އާއި ކުޅުމަކީ އެޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
އޭނާ ބުނިގޮތުގައި އާޖެންޓީނާ އާއި ކާބޯ ވާޑޭއަކީ ވަރަށް ދުވަސްވީ ގުޅުން އޮންނަ ދެ ޤައުމު ކަމަށާއި އެޤައުމުގެ ގިނަ ރައްޔިތުންނަކީ އާޖެންޓީނާއިން ކުރިން ހިޖްރަ ކޮށްފައިވާ ރައްޔިތުން ކަމަށެވެ.
އާޖެންޓީނާ އާއެކުވެސް ކާބޯ ވާޑޭ މަސައްކަތް ކުރާނީ އެޓީމުގެ ކުޅުން ކުޅެވޭތޯ ކަމަށާއި މިހެން ބުނާއިރު އާޖެންޓީނާ ޓީމުގައި ފާހަގަ ކޮށްލެވޭ ގިނަ ތަރިން ތަކެއް ތިބިކަން އެނގޭ ކަމަށާއި ހާއްސަކޮށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ ލިއޮނެލް މެސީ ގެ ނަން އޭނާ ފާހަގަ ކުރިއެވެ. އަދި މިމަރުހަލާގައި އާޖެންޓީނާ އާއި މެސީ އާއި ދެކޮޅަށް ކުޅުމަކީ އެޓީމު ދުނިޔޭގެ ފެންވަރުގައި ފާހަގަ ވެގެންދިޔުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއްގެ ގޮތުގައިވެސް ބުބިސްޓާ ބުންޏެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސައުދީ އަރަބިއާގެ ކޯޗު ޖިއޯޖިއޯސް ޑޯނިސް ބުނީ މިއީ އޭނާގެ ޓީމަށް ވަރަށް އުނދަގޫ މަހެއް ކަމަށާއި އެޓީމުން މިފަހަރުގެ މުބާރާތުގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި ކަމަށެވެ.
އޭނާ ބުނީ ކާބޯ ވާޑޭ ފަދަ އެޓީމާއި އެއް ވަރެއްގެ ޓީމަކާއި ދެކޮޅަށް އެންމެ ރަނގަޅު ކުޅުން ސައުދީ އަރަބިއާއަށް ދެއްކިފައި ނުވާކަމަށެވެ.
މިއީ ކަންބޮޑު ވާން ޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް މިމުބާރާތުގައި އެކުޅުންތެރިން ކުރި މަސައްކަޓާއި ދެއްކި ކުޅުމަށް އޭނާ ޝުކުރު އަދާކުރާ ކަމަށްވެސް ސައުދީ އަރަބިއާގެ ކޯޗު ބުންޏެވެ.