ޚަބަރު

ބްރިޖު އެޅުން ސީސީސީސީ ސެކަންޑް ހާރބަރ އިންޖިނިއަރިންގ އަށް


މާލެ ހުޅުލެ ބްރިޖް އެޅުމުގެ ބިޑު ކާމިޔާބުކުރީ ޗައިނާގެ ސީސީސީސީ ސެކަންޑް ހަރބަރ އިންޖިނިއަރިންގ އިން ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.ޕީއެސްއެމަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ ބްރިޖުގެ ކޮންޓްރެކްޓަރުން އަންނަ ހަފްތާގައި ރާއްޖެއަންނާނެ ކަމަށެވެ.މާލެ- ހުޅުލެ ބްރިޖަކީ މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދާ  އެންމެ ބިޔަ މަޝްރޫޢުއެވެ. އަދި ބްރިޖަކީ ހުޅުމާލޭގެ ތަރައްޤީއަށާއި ޔޫތް ސިޓީގެ ތަރައްގީއަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.ބްރިޖް އެޅުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމަށްޓަކާ ލޮނުޒިޔާރަތްކޮޅުން  ބަންދުކުރާ ސަރަހައްދު ބަންދުކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ 25 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ފެށުމަށްވަނީ ނިންމަވާފައެވެ.މާލޭގެ ސައިޓަށް ބޭނުންވާ މި ސަރަހައްދު ބަންދު ކުރާއިރު، ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުޅުލެއިންވެސް ސައިޓަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެ ސައިޓްތަކުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.ޕީއެސްއެމް ނިއުސް އާ ވަހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ވިދާޅުވީ، އަންނަ ހަފްތާގައި ކޮންޓްރެކްޓަރުން މާލެ އައިސް މޮބިލައިޒޭޝަން މަސައްކަތް ފަށާނެ ކަމަށާއި، ޑިސެމްބަރު މަހު ފަހުކޮޅު ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ބްރިޖްއެޅުމަށް ޗައިނާ ސަރުކާރުންދޭ ލޯން އެހީއާއި، ހިލޭ އެހީގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ޗައިނާ ސަރުކާރުގެ ވަފްދެއް ޑިސެމްބަރު މަހުގެ މެދުތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ.ބްރިޖްގެ މޮބިލައިޒޭޝަން ސައިޓަށް ލޮނު ޒިޔާރަތްކޮޅުގެ ބޮޑު ސަރަހައްދެއް ބަންދު ކުރާއިރު އެސަރަހއްދުގެ ޓްރެފިކް ފްލޯރ އަށްވެސް ބޮޑެތި ބަދަލްތަކެއް އަންނާނެއެވެ.ޓްރެފިކް ފްލޯރ އަށް އަންނަ ބަދަލްތަކާ ބެހޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށްފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެ ބަދަލްތައް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށެވެ.ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއަށް 300 މިލިއަން ޑޮލަރު ޚަރަދުވާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީކަމަށާއި، އަދި 170 މިލިއަން ޑޮލަރަކީ، ޗައިނާ ސަރުކާރުގެ ސޮޕްޓް ލޯނެއް ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. ބާކީ 30 މިލިން ޑޮލަރު ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.ބްރިޖްގެ މަސައްކަތް 2017 ވަނަ އަހަރުތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.