ކޯވިޑް-19

ކޯވިޑް-19 : މިއަދުވެސް ޕޮޒިޓިވްވި ޢަދަދު 100އިން މަތީގައި، ގިނައީ މާލޭ ސަރަޙައްދުގައި


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 127 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 127 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 92 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 15 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 13 މީހަކު އަދި ހަދަމުންދާ ރިސޯޓުތަކުން 7 މީހަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 16،783 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 48 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14،604 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،117 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު މިވަނީ 207 އަކަށް އަރާފައެވެ.

ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާލާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ އައި.ސީ.ޔޫގައި 2 މީހަކަށް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރަށް ލައިގެންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 16ވަނަ ފަންގިފިލާގެ ވޯޑުގައި 7 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 189 މީހަކަށް ފަރުވާދެމުންދާއިރު، ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީގައި އެކަކަށް، އަދި ލ. ގަމު ކޯވިޑް ފެސިލިޓީގައި 8 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،151 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 433،954 ސާމްޕަލްވަނީ ނަގާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި އަންހެނެއް ވަނީ މިބަލީގައި ނިޔާވެފައެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 55 މީހުން ވަނީ ނިޔާވެފައެވެ. އެއީ 47 ދިވެހިންނާއި، 8 ބިދޭސީންނެވެ.