ކުރީގެ ޑިފެންސް މިނިސްޓަރ މޫސާއަލީ ޖަލީލު މަޤާމުން ވަކިކުރައްވަން
ޖެހިވަޑައިގެންނެވީ ސިފައިންގެ ބެލުމުގެ ދަށުން ނޫނީ ބަޑިބޭސް
އެތެރެނުކުރެވޭގޮތަށް އޮންނަ އުސޫލަށް،
ޑިފެންސް މިނިސްޓަރ އަމިއްލަފުޅަށް ބަދަލުގެންނަވާ، ހަވާއަރުވާ ބަޑިބޭސް
އެތެރެކުރުމުގެ ހުއްދަ އެމް.އެމް.ޕީ.އާރު.ސީ އަށް ދެއްވުމާ ގުޅިގެންކަމަށް
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު
ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ހަވާއެރުވުންފަދަ
ކަންކަމަށް ބޭނުންވާ ބަޑިބޭސް އެތެރެކުރުމަކީ ޒަމާނުއްސުރެ ސިފައިގެ ބެލުމުގެ
ދަށުން ކުރަމުން އަންނަ ކަމެއްގޮތުގައި އޮންނަ އޮތުމަށް މޫސާ އަލީ ޖަލީލު ބަދަލުގެންނެވީ
އެމަނިކްފާނާވެސް އަދި ސިފައިންގެ އިސްވެރިންނާވެސް މަޝްވަރާނުކުރައްވާ އަމިއްލަފުޅަށްކަމަށެވެ.
މޫސާއަލީ ޖަލީލު މަގާމުން ވަކިކުރައްވަން ޖެހިވަޑައިގެންނެވި ދެވަނަ ސަބަބެއްގެ
ގޮތުގައި ރައީސް ވިދާޅުވީ ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާގެ
ތުހުމަތުގައި ހައްޔަރުކުރެވުނު ސިފައިންގެ ކާނަލެއްކަމަށްވާ ފަޔާޒަކީ ކުރީގެ
ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލުގެ ދެބެންގެ ދެދަރި ބޭފުޅެއްކަމުން، ފިނިފެންމާ ލޯންޗް ހާދިސާގެ މިތަހުޤީޤު އެމަނިކްފާނު
ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ކުރިޔަށްގެންދިއުމަކީ
ފަސޭހަކަމަކަށް ނުވާނެތީކަމަށެވެ.
ރައީސް ޔާމީން ވިދާޅުނީ
އެމް.އެމް.ޕީ.އާރު.ސީއަށް އަމިއްލައަށް އިންޕޯޓްކުރެވޭގޮތަށް ޑިފެންސް މިނިސްޓަރ
ހުއްދަދެއްވުމާ ގުޅިގެން އެތެރެކުރި ހަވާއަރުވާ ބަޑިބޭސް ކޮންޓެއިންނާއަކީ ވަރަށް
އަވަސްއަރުވާލައިގެން ކަސްޓަމުން ކްލިއަރކުރެވުނު ކޮންޓެއިނަރެއްކަމަށް މިހާތަނަށް
ހޯދިހޯދުމުން އެނގިފައިވާކަމަށާ އަދި ހަވާ އަރުވާ ބަޑިބޭހުގެ އިތުރުން ދެން އޭގައި
ހުރީ ކޮން އެއްޗެއްކަންވެސް ކަށަވަރުކުރެވިފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވީ މޫސާއަލީ ޖަލީލު ވަކިކުރެއްވީ އެމަނިކްފާނުގެ އެއްވެސް ކުށެއް އޮވެގެން
ނުވަތަ އެމަނިކްފާނުގެ މައްޗަށް އެއްވެސް ތުހުމަތެއްވެސް ކުރެވިގެން ނޫންކަމަށެވެ.