ޚަބަރު

ކޯވިޑް-19 : އަނަންތަރަ ރިސޯޓުން އިތުރު 7 މީހަކު ފަރުވާއަށް


ބ.އަތޮޅުގައި އޮންނަ އަނަންތަރަ ކިހަވަށް ވިލާސް، ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ އިތުރު 7 މީހަކު ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީއަށްގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

މިރޭ 7:30 އެހައިންހާއިރު ގެންދިޔަ މި 7 މީހުން ގެތެރޭގައި 4 ދިވެހިންނާއި 3 ބިދޭސީން ހިމެނެއެވެ. މިމީހުންނަށް ފަރުވާދިނުމަށް ގެންދިޔައީ އެމީހުންގެ ޙާލު އިތުރަށް ގޯސްވެދާނެފަދަ ޢަލާމާތްތައް ފެންނަމުންދާތީކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.

މިރިސޯޓުން އިއްޔެއާ ހަމައަށް 31 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އަދި ގިނަޢަދަދެއްގެ މުވައްޒަފުން ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީންގައިވެސް އެބަތިއްބެވެ. މައުލޫމާތުލިބޭ ގޮތުގައި އެރިސޯޓްގައި ހުރި ފަތުރުވެރިއަކުވެސް ވަނީ މިބައްޔަށް ޕޮޒިޓިވްވެ ކަރަންޓީންނަށް ލާފައެވެ.

އަނަންތަރަ ރިސޯޓްގައި ކޯވިޑް-19 ފެތުރެން ފަށާފައިވަނީ މީގެ މަހެއްހާދުވެސް ކުރިންނެވެ. މިހާތަނަށް މި ފެސިލިޓީގައި މި 7 މީހުންނާއެކު އިތުރު ދެމީހަކަށް ވަނީ ފަރުވާދީފައެވެ.