ޚަބަރު

ނަތީޖާއާމެދު ހިތްހަމަޖެހޭ މުހިއްމީ މޮޅުވުން: އަންދްރޭ


  • ނިއުއިން ނުކުންނާނީ ކޮންމެ މެޗަކުންވެސް ތިން ޕޮއިންޓް ހޯދަން

  • ދެވަނަ މެޗުގައި ނިއު ނުކުންނާނީ މާޒިޔާއާ ދެކޮޅަށް

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ގައްުދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއާމެދު ހިތްހަމަ ޖެހޭ ކަމަށާއި، މުހިންމީ މޮޅުވުން ކަމަށް ނިއުގެ ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފިއެވެ.

ގައްދޫގައި ކުޅުނު މި މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ނިއުރޭޑިއަންޓުން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ގޯލު ޖަހަން ރަނގަޅު ގިނަ ފުރުސަތުތަކެއް ހޯދައިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަންދްރޭ ބުނީ މި މެޗުގެ ނަތީޖާއާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ގިނަ ގޯލުތަކެއް ޖެހުމަށްވުރެ އޭނާއަށް މުހިންމީ ނިއުގެ ގޭމުގައި ކުޅުމާއި ނަތީޖާ ނެރުން ކަމަށް އަންދްރޭ ފާހަގަކުރިއެވެ.

އަންދްރޭ ބުނީ މި މެޗުން ވެސް އޭނާގެ ޓީމުން ރަނގަޅު ކުރަން ޖެހޭކަންކަން ފެނުނު ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކަށް ނުކުންނާނީ އެކަންކަން ރަނގަޅުކުރަން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެން ކަމަށް އަންދްރޭ ބުންޏެވެ.

ލީގުގައި ނިއުއިން ކޮންމެ މެޗަކަށްވެސް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށާއި، ނިއުގެ އަމާޒު ސާފުކަމަށް އަންދްރޭ ފާހަގަކުރިއެވެ.

މި ސީޒަނަށް ނިއުއިން ވަނީ އެ ޓީމުގެ ސްކޮޑަށްވެސް ބޮޑު ބަދަލެއް ގެނަސްފައެވެ. އެގޮތުން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުން އައި ޑޮރިއަލްޓަން ގޮމޭޒް ވެސް އެ ޓީމަށް ވަނީ ގެނަސްފައެވެ.

ނިއުއިން ލީގުގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މި ސީޒަނުގައި ނިއުރޭޑިއަންޓުން ކުޅުނު ފުރަތަމަ މެޗު، ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ އަތުން ބަލިވިއިރު، ކަޕް ވިނާސް ކަޕުގެ ލީގު ބުރުގައި ކުޅުނު މެޗުން މާޒިޔާ އަތުން ވަނީ އެއްވަރުވެފައެވެ. އަދި ކަޕް ވިނާސް ކަޕް ފައިނަލުން ވެސް މާޒިޔާ އަތުން ވަނީ ބަލިވެފައެވެ.