ޚަބަރު

ދިރިއުޅޭގޭގައި ނަރުދަމާ ޖަންގްޝަންތަކަށް ޖާގަދިނުމަށް ނިމުމެއް


ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ފެށުމުން ރައްޔިތުން ތިބީ އުފަލުންނެވެ. އެއީ މިހާރު އެމީހުން ދިރިއުޅޭ ގެތަކުގައި ހަދާފައިވާ ބޮޑެތި ޖަންގްޝަންތަކުގެ ބޭނުން ކެނޑި، ބިމުން އެ ވަޅުގަނޑު ހެދުމަށް ދާ ޖާގަ އެހެން ކޮންމެވެސް ކަމަކަށް ބޭނުން ކުރެވިގެންދާނެތީއެވެ.

ގޮއިދޫ އަކީ އަތޮޅުގެ އެންމެ ބޮޑުރަށެވެ. އެރަށަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. މި ތަންތަނުގަވެސް ނަރުދަމާ ބޭނުން ކުރަނީ މިދެންނެވި އުސޫލުންނެވެ. އެހެން ކަމުން ކުއްޔަށް ބިން ނަގައިގެން މި ވިޔަފާރި ކުރުމަށްވެސް ނަރުދަމާނިޒާމެއް ނެތުމުން ގޮންޖެހުންތައްވަނީ ކުރިމަތިވެފައެވެ.

ބޮޑެތި އާއިލާތައް ދިރިއުޅޭ ގެތަކުގައި ފާޚާނާއިން ބޭރުވާ ނަޖިސް ހިންދުމަށް ދެ ވަޅުގަނޑު ނުވަތަ ތިންވަޅުގަނޑުވެސް ހަދާފައި އެބަހުރިމަކަށާ، މިކަމުގެ ސަބަބުން ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ރައްޔިތުން ބުނެއެވެ.

"ގެވަޅު ތެރޭގައި ޖަންޝަން ހެދީމާ ގެއްލެނީ ހާދަބޮޑު ޖާގައެކޭ، ޒަމާން ބަދަލުވެ ރަށްރަށުގެ އާންމު ދިރިއުޅުމަށް އަންނަމުންދާ ބަދަލާއެކު މިކަން ކުރުމަށް މިހާރުވެސްވަނީ ލަސްވެފައި. ނަރުދަމާ އެޅުމުން ވާނެ ފަސޭހަ ބުނެދެންވެސް ނޭނގޭ".
އެރަށުން ވާހަކަ ދެއްކި މީހުން ބުނެއެވެ.

ނަރުދަމާ ނިޒާމު ބޭނުންކުރުމުގައި ގޮއިދޫގެ ރައްޔިތުން އުފުލަމުން އައި ބުރައަށް ނިމުމެއް ގެނައުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފަށާފައެވެ. އެގޮތުން އެރަށުގައި ރައްކާތެރި ސާފުބޯފެނާއި ނަރުދަމާ ހޮޅިވަޅުލުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫއުގެ ދަށުން 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައަކާއި، 15.9 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އެރަށުގައި އަޅާނެއެވެ.

އާބާދީގައި އަށްސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅޭ ގޮއިދޫ އަކީ ދަނޑުވެރިކަން ވެސް ފުޅާ ދާއިރާއެއްގައި ކުރާ ރަށެއްކަމުން ގިނައަދަދެއްގެ ފެން އެރަށުގެ ބިމުން ނަގައެވެ. ގޮއިދޫގެ ބައެއް ސަރަހައްދުތަކުން ބައެއް ދުވަސްވަރު ފެނުން ނުބައި ވަސްދުވާކަމަށް ވެސް ގޮއިދޫ ކައުންސިލުން މައުލޫމާތުދެއެވެ.

ފެނާ ނަރުދަމާ ހޮޅި ވަޅުލަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ގޮއިދޫ ކައުންސިލްގެ ރައީސް ވަނީ ރަށުގެ ފެންފަށަލައަށް ގެއްލުން ނުވާނެ ގޮތަކަށް އެކަން ކުރުމަށް އެމަސައްކަތްކުރާ ކޮންޓްރެކްޓަރުގެ ކިބައިންވެސް އެދިފައެވެ.

"މިހެން މި ދަންނަވަނީ މާލޭގައި ފެނާ ނަރުދަމާ އެޅި ދުވަސްވަރު ފެންފަށަލަ ހަލާކުވެ ފެން ލޮނުވެ ނުބައިވަސްދުވައި ބައެއް ހިސާބުތަކުން ފެން ހުސްވެގެންދިޔަ މީ އަޅުގަނޑުގެ ތަޖުރިބާ މިކަން މި ރަށަށުގައި ނުވުން އެއީ އެދޭ އެންމެ ބޮޑުއެއްއެދުން، އެއީ މިރަށު ފެނަކީ ބޭނުން ކުރަން ރަނގަޅު މީރުފެނަކަށްވާތީ، އަދި ދަނޑުވެރިކަން ކުރުމަށް ބޭނުން ކުރާފެނަށް އަސަރުކޮށް އެވިޔަފާރި ކުރުމަށް ގެއްލުމެއް ކުރިމަތިވެދާނެތީ" ގޮއިދޫ ކައުންސިލްގެ ރައީސް އާމިރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި އާރުއޯ ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އިމާރާތް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި އިމާރާތް ރާނާ ނިމި ހިޔާކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރު 46 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނުފެށި ލަސްވެގެންދިޔައީ ކޯވިޑް 19 އާ ގުޅިގެންނެވެ. އެހެން ނަމަވެސް މި އަހަރުގެ މެދެއްހާ ހިސާބުގައި މިމަސައްކަތް ނިންމުމަށް އެމް.ޑަބްލިއު.އެސް.ސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.