ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަނުހުރުމުގެ ހައްގުގެ ބޭނުންހިފައިގެން ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަނުކޮށްފިނަމަ، އެކަންކަން އިތުރަށް ބެލުމުގެ ފުރުޞަރު ނޯންނާނެ ކަމަށާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތުހުމަތުގައި ހުރި މީހާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރެވޭ ގޮތާއި، އޭގެ ބޭނުން ކުރަންޖެހޭ ހާލަތްތަކާއި ގުޅޭގޮތުން ތަފްސީލީގޮތެއްގައި ޕީޖީގެ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ހަނުހުރުމުގެ ޙައްޤޭ ބުނުމުން އެއީ ޤާނޫނީ ވަކީލުން އިތުރަށް ވިސްނަންޖެހޭ ކަމެއް ނޫންކަމަށާއި، އެކަން، އެޤައުމުތަކުގެ ޤާނޫނުއަސާސީތަކާއި ޖިނާއީ ޢަދުލުގެ ނިޒާމުގައި ލިޔެ ތަންފީޒުކުރާތާ އެތައް ސަތޭކަ އަހަރެއްވެފައިވާކަމަށެވެ. އެކަމާ ގުޅޭ ގޮތުން އުފެދޭ ތަފާތު ސުވާލުތަކަށް ޤާނޫނުތަކުންނާއި ޝަރުޢީ ކޯޓުތަކުން އޮތީ ޖަވާބުލިބި ނިމިފައިކަމަށާއި، އެޤައުމުތަކުގެ ޤާނޫނީ ވަކީލުންގެ ކާބަފައިން އުފަންވިއިރުވެސް، އެކަންތައް އޮތީ ނިމިފައިކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ. އެހެންކަމުން އެކަމާއި އިތުރަށް އުފައްދާނެ ސުވާލެއް ނޯންނާނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގެ ޙާލަތު ތަފާތުކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ، ރާއްޖޭގައި ހަނުހުރުމުގެ ޙައްޤު، އަސާސީ ޙައްޤަކަށް ހެދިތާ އަދި މިވީ 12 ވަރަކަށް އަހަރުކަމަށެވެ. އަދި ހަނުހުރުމުގެ ޙައްޤާ ގުޅޭ ޤާނޫނުކަމަށްވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ފާސްކުރިތާ އަދި މިވީ ހަތަރު ވަރަކަށް އަހަރުކަމަށާއި، އެހެންކަމުން، ހަނުހުރުމުގެ ޙައްޤު ތަންފީޒުކުރާނެ ގޮތާބެހޭ ގިނަ ސުވާލުތަކެއް އަދިވެސް ޖަވާބު ނުލިބި އެބަހުރިކަމަށް ޕީޖީ ވިދާޅުވިއެވެ. އެހެންކަމުން ނިޒާމު ފުރިހަމަވަމުންދާ ވަރަކަށް މިކަންކަން ޙައްލުވަމުންދާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
"2008 ވަނަ އަހަރުގެ “ފެހި” ޤާނޫނުއަސާސީގައި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެއް އަސާސީ ޙައްޤަކީ ހަނުހުރުމުގެ ޙައްޤެވެ. އެއީ، ތިމާއާ ދެކޮޅަށް ބަޔާނެއް ނުދީ ހުރުމުގެ ޙައްޤެވެ. މިވާހަކަ ޤާނޫނުއަސާސީގައި ލިޔުނީ، 2004 ވަނަ އަހަރު ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކުރި ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާގެ ޕްރޮފެސަރ ޕޯލް އެޗް ރޮބިންސަންގެ ރިޕޯޓުގައި، ރާއްޖޭގައި ކުށް ސާބިތުވާ މީހުންގެ ނުވަދިހަ ޕަސެންޓު މީހުންގެ މައްޗަށް ހެކި ނުހުންނަކަމާއި، ކުށް ސާބިތުވަނީ އިޢުތިރާފުގެ މައްޗަށް ކަމަށް ލިޔެ ފާޑު ކިޔުމުންނެވެ. ޕްރޮފެސަރުން އެކަހަލަ ވާހަކަ ވިދާޅުވާނީ ނިކަން ޢިލްމީ ކޮށެވެ. ޕްރޮފެސަރ ރޮބިންސަން ރީތިކޮށް އެވިދާޅުވީ، ފުލުހުން ގަދަކަމުން ބަޔާން ނަގާކަމާއި މިނިޒާމު ހިނގަނީ އަނިޔާވެރިކޮށް ކަމަށެވެ. ހެކީގެ މައްޗަށް ބަލައި ކުށް ސާބިތުކުރުމުގެ ސަޤާފަތެއް ނޯންނަކަމަށެވެ. މިއީ، އޭރު ދިވެހި ސިޔާސީ ވެރިންވެސް ދެއްކި ވާހަކައެކެވެ. އެކަން ޙައްލުކުރުމުގެ ގޮތުން، ޤާނޫނުއަސާސީގައި ފުރަތަމަ ފަހަރަށް ހަނުހުރުމުގެ ޙައްޤު، އަސާސީ ޙައްޤެއްގެ ގޮތުގައި ލިޔުނީއެވެ."ޕީޖީ ޝަމީމްގެ ބްލޮގްގައި ލިއުއްވާފައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހަނުހުރުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އޭގެ ފަހަތުން އެ ޤާނޫނުގައި ބަޔާންކޮށްފައި ވަނީ އޭނާގެ ފަރާތުން ދެވޭ މަޢުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މަޢުލޫމާތެއް ކަމުގައިނުވާނަމަ، އެ މަޢުލޫމާތެއް ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ހާމަކުރަންވާނެކަމަށާއި، އެޙާލަތުގައި ހަނުހުރުމުގެ ޙައްޤުގެ ބޭނުމެއް ނުކުރެވޭނެކަންކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ.
"މިދިޔަ ހަފްތާގައި އަޅުގަނޑާ މީހަކު ބައްދަލުކުރިއެވެ. ޓީޗަރެކެވެ. އޭނާގެ މައްޗަށް ފުލުސް އޮފީހަށް ހުށަހެޅުނު މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވަން އޮތީ ތައްޔާރުވެފައެވެ. ފޯނުގައި އޮތް ފޮޓޯއަކާ ގުޅިގެން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތުހުމަތެއް ކުރެވެނީއެވެ. ފޮޓޯ އޭނާގެ ފޯނުން ފެނެއެވެ. އެމައްސަލައިގައި އޭނާ ހުރީ ހަނެވެ. އޭނާ ބުނާ ގޮތުން ފުލުހުންވެސް އޭނާގެ ޤާނޫނީ ވަކީލުވެސް އިރުޝާދު ދިނީ ހަނުހުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަޅުގަނޑާ ބައްދަލުކޮށް ދެއްކި ވާހަކައިގައި، އޭނާގެ ފޯނަށް އެފޮޓޯ އައި ގޮތާއި، އެފޮޓޯ ޑިލީޓު ކުރި ގޮތާއި، އެފޮޓޯ ފެނުނީ ފޮހެފައި ހުރި އެއްޗެހީގެ ތެރެއިންކަމާއި، މިކަމާބެހޭ ވަރަށް ގިނަ މަޢުލޫމާތު ހިއްސާކުރިއެވެ. އެމަޢުލޫމާތުތައް ތަޙްޤީޤުގެ ތެރެއިން ގެނައިނަމަ، އޭނާގެ މައްޗަށް ތުހުމަތެއްވެސް ނެތުނީހެވެ. ދަޢުވާއެއް ނުކުރީހެވެ. ނަމަވެސް، އޭނާ ހަނުހުރީތީ މިމަޢުލޫމާތު ތަޙްޤީޤުގެ ތެރެއިން ލިބިފައި ނެތީއެވެ. ތަޙުޤީޤުން ނުލިބޭ މަޢުލޫމާތެއްގެ މައްޗަށް ޕްރޮސިކިއުޓަރަކަށް ގޮތެއް ނުނިންމޭނެއެވެ. ޕްރޮސިކިއުޓަރަށް ފެންނާނީ ކަރުދާހުގައި އޮތް އެއްޗެކެވެ. ތުހުމަތުކުރެވޭ މީހާ ބުނި އެއްޗެކެވެ."ޕީޖީ ޝަމީމްގެ ބްލޮގްގައި ލިއުއްވާފައިވެއެވެ.
ޕީޖީ ޝަމީމް ވިދާޅުވީ، ހަނުހުރުމުގެ މާނައަކީ، ތިމާގެ އަމިއްލަ ނަފުސާ ދެކޮޅަށް ހުރި ހެކި ހާމަނުކޮށް ހަނުހުރުންކަމަށާއި، އެއީ ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަ ނުކުރުމެއް ނޫންކަމަށެވެ.
"އެއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އޮތް ވާހަކައެވެ. މިމައްސަލައިގައި، އޭނާ ހަނުހުރުމުގެ ސަބަބުން އޭނާއާ އެއްކޮޅަށް ހުރި ހެކިވެސް ނުދެއްކި، ނިޒާމުގެ ތެރެއިން އޭނާއަށް ބޮޑު ކަންތައްގަނޑެއް ލައިނުގަނެ ސަލާމަތްވީ އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިދަޢުވާ ހުށަހެޅިނަމަ، އޭނާގެ ވަޒީފާ ގެއްލުމުގެ ބިރުވެސް އޮތެވެ." ޕީޖީ ޝަމީމްގެ ބްލޮގްގައި ލިއުއްވާފައިވެއެވެ.
މިޙާދިސާއާ ގުޅިގެން އޮތް ސުވާލަކީ، މިކަން ޙައްލުކުރުމަށް ޕީޖީއަށް ކުރެވޭނެކަމެއް ބެލުންކަމަށާއި، ނަމަވެސް އިޖްރާއަތުގެ ޤާނޫނުގައި އެކަންވެސް ބަޔާންކޮށްފައިވާކަމަށާއި، އެކަން ހަނދާންކޮށް ނުދެވެނީކަމަށެވެ. އެހެންކަމުން، ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކީގެ ވާހަކަ ނުދެއްކުމަކީ ހަނުހުރުމުގެ ތެރެއިން ވާ ކަމެއް ނޫންކަންވެސް ހަނދާން ކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަށް ޕީޖީ ވިދާޅުވިއެވެ.
އެކަންކަން ޙާޞިލުކުރުމަށްޓަކައި، “ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ސުވާލުކުރާ މީހުންނަށް ޤާނޫނީ އިންޒާރުދިނުމާގުޅޭ އިރުޝާދު”ގެ ނަމުގައި އިރުޝާދެއް މިދިޔަ ހަފްތާގެ ތެރޭގައި ނެރެފައިވާކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އެ އިރުޝާދުގައި ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަނުކޮށްފިނަމަ، އެކަންކަން އިތުރަށް ބެލުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތުހުމަތުގައި ހުރި މީހާ ކަމަށް ބަޔާންކޮށްފައިވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. ތަޙުޤީޤު ކުރާ މީހާއަށް ދެވޭނީ ފުރުޞަތުކަމަށާއި، އެ ފުރުޞަތުގެ ބޭނުން ހިފުމަކީ ތުހުމަތުގައި ހުންނަ މީހާގެ ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ތަކުރާރުކުރެއްވިއެވެ.