ޗައިނާގެ ޓެލެކޮމް ކުންފުނިތަކަށްފަހު، ޗައިނާގެ ތެޔޮ ކުންފުނިތައް އެމެރިކާގައި ވިޔަފާރިކުރުން މަނާކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.
ނިއުޔޯކް ސްޓޮކް އެކްސްޗޭންޖް، އެންވައިއެސްއީއިން ވަނީ ޗައިނާގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރުމުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ފިޔަވަޅު އަޅަން ނިންމާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ އަމަރުފުޅަކަށް އަޅާ މިފިޔަވަޅުގެ ދަށުން ޗައިނާގެ ޓެލެކޮމް ކުންފުނިތައްކަމަށްވާ؛ ޗައިނާ މޯބައިލް ކުންފުންޏާއި، ޗައިނާ ޔުނިކޮމް އަދި ޗައިނާ ޓެލެކޮމް ކުންފުންޏާއި ދެކޮޅަށް މިދިޔަ ހޮނުހިރު ދުވަހު ވަނީ ފިޔަވަޅު އަޅާފައެވެ.
މި ފިޔަވަޅުގެ ސަބަބުން ޖަނަވަރީ 11 ވަނަ ދުވަހަށްފަހު މި ކުންފުނިތަކަށް އެމެރިކާގައި ވިޔަފާރިކުރުން މަނާވާނެއެވެ. އެއަށްފަހު އެންވައިއެސްއީން މިހާރުވަނީ ޗައިނާގެ ތެޔޮ ކުންފުނިތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަން ހާމަކޮށްފައެވެ. އެގޮތުން ޕެޓްރޯ ޗައިނާ ކޯރޕް، ޗައިނާ ޕެޓްރޯލިއަމް، ކެމިކަލް ކޯރޕް އަދި ސިނޮޕެކްއިންއިން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރާކަމަށް ބުނެ އެކުންފުންތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.
ތެޔޮ ކުންފުނިތަކަށް ފިޔަވަޅު އަޅަން ނިންމުމުން ޗައިނާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާއިން ޗައިނާގެ ޓެލެކޮމް ކުންފުނިތަކާއި ދެކޮޅަށް އެޅި ފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެމެރިކާގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ލިބޭ ވިޔަފާރީގެ ގެއްލުމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު އެ މިނިސްޓްރީން ވަނީ ދީފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއާއި އެމެރިކާގެ ވާދަވެރިކަން ބޮޑުވެ ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އެމެރިކާއިން ޗައިނާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންނަށް އެމެރިކާއަށް ދަތުރުކުރުމަށް ދަތިކުރުމާއި، ޗައިނާގެ ކުންފުނިތަކަށް ވިޔަފާރިކުރުމަށް ވަނީ ދަތިތައް ކުރިމަތިކުރުވާފައެވެ. މީގެ އިތުރުން ޗައިނާގެ ވާވޭ ކުންފުނީގެ ވިޔަފާރި އެމެރިކާގައި މުޅިން ހުއްޓާލުމަށް ރައީސް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާގެ ވާވޭ ކުންފުންޏާއެކު އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގަން ބޭނުންނުވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާ އެއް ކުންފުންޏަކީ ވާވޭއެވެ. އެގޮތުން އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.