ދުނިޔޭގެ ވިޔަފާރި

ރިލީފް ޕެކޭޖަށް ޓްރަމްޕް ހުށަހެޅި ޝަރުތު ނާކާމިޔާބުވެއްޖެ


އަމިއްލަ ޕާޓީ މެމްބަރުންގެ ދެކޮޅު ހެދުމާއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރިލީފް ޕެކޭޖަށް ހުށަހެޅި ޝަރުތު ނާކާމިޔާބުވެއްޖެއެވެ.

ރައީސް ޓްރަމްޕް ގެންނަން ބޭނުންފުޅުވި ބަދަލެއްކަމުގައިވާ ކޯވިޑްގެ އަސަރުކުރި މީހުންނަށް ދޭ އެހީ 600 ޑޮލަރުން 2000 ޑޮލަރަށް އިތުރުކަން ހުށަހެޅި ހުށަހެޅުން އިދިކޮޅު ޑިމޮކްރެޓުން ތާޢީދުކޮށް ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއަށް ހުށަހަޅާފައެވެ. އެހެންނަމަވެސް، މިފަދަ ބަދަލެއް ގެނައުމަށް ޓްރަމްޕް ނިސްބަތްވެވަޑައިގަންވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ދެކޮޅު ހެއްދެވުމުން މި ބަދަލު ގެނައުމުގައި ވަނީ ނާކާމިޔާބުވެފައެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖްއަށް ބަދަލުގެނައުމަށް ފައިވިއްދާލުމަށްފަހު އެކަން ކާމިޔާބު ނުވެ، ފިއްތުންތައް ބޮޑުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެޤައުމުގެ އައު ރިލީފް ޕެކޭޖް މިހާރު ވަނީ ތަސްދީޤްކުރައްވާފައެވެ.

ކޯވިޑް ރިލީފްގެ އައު ޕެކޭޖް ފާސްކުރުން ލަސްވުމާއި ގުޅިގެން، މިއަހަރުގެ މެދުތެރޭ ސަރުކާރުން ފާސްކުރި ރިލީފް ޕެކޭޖްގެ އިނާޔަތްތަކުގެ މުއްދަތު ހަމަވާން މިވަނީ ފަށާފައެވެ. މިގޮތުން އެންމެ ފުރަތަމަ މުއްދަތު ހަމަވެފައި ވަނީ ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ އިނާއަތުގެ ޕެކޭޖުންނެވެ. މި ޕެކޭޖްގެ މުއްދަތު ހަމަވުމުން ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން ވަނީ އާމްދަނީއެއް ނުލިބި ގޮތް ހުސްވެފައެވެ. މި ޕެކޭޖްގެ މުއްދަތު ހަމަވުމުން 9.5 މިލިއަން މީހުންނަށް ސީދާ އަސަރުކުރިކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖްއަކީ 892 ބިލިއަން ޑޮލަރުގެ ބޮޑު ރިލީފް ޕެކޭޖްއެކެވެ. މި ޕެކޭޖާއެކު ސަރުކާރުގެ ޚަރަދުކުރުމަށް 1.4 ޓްރިލިއަން ޑޮލަރުގެ އިތުރު ބަޖެޓެއް ވަނީ ހިމަނާފައެވެ. މިބިލަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ސަފްޙާގެ އެކުލެވޭ ބިލެވެ. އެގޮތުން މި ބިލްގައި ފަސްހާސް ފަސްސަތޭކަ ނުވަދިހަ ތިން ޞަފްޙާ ހިމެނެއެވެ. މި ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހަފްތާއަކު 300 ޑޮލަރުގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް އައު ސަބްސިޑީތަކެއް ތަޢާރަފްކުރުމާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖް ފާސްކުރުން ލަސްވާވަރަކަށް އެމެރިކާގެ އިޤްތިޞާދަށާއި އާންމު ރައްޔިތުންނަށް ކުރާ އަސަރު ބޮޑުވެ، އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު ތަޖުރިބާކާރުން ދަނީ ފާޅުކުރަމުންނެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ މި ބިލް ފާސްކުރުމަށްފަހު އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިތުރު 1.4 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކުރުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ..