އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވެއްޖެއެވެ.
މިފަދަ އެއްބަސްވުމަކަށް އައިސްފައި މިވަނީ އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމަށް ޤާއިމުކުރާ ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް ކުރި މަޝްވަރާގެ ތެރެއިންނެވެ.
މިކަން ހާމަކުރައްވާ ވާހަކަފުޅުދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވަނީ މިއީ އެ ޤައުމުން ފަހުގެ ތާރީޚެއްގައި އެކުލަވާލި އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުންކަމަށް ސިފަކުރައްވާފައެވެ. މިކަމަށް ގިނަ ދުވަސްތަކެއް ނެގިޔަސް އިނގިރޭސިވިލާތަށް ގެއްލުން ނުވާގޮތަށް އެއްބަސްވުން އެކުލަވާލެވުމަކީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއްކަމަށް ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން އަހަރެއްގެ މައްޗަށް 660 ޕައުންޑްގެ ޚަރަދު ކުޑަކުރެވޭނެކަމަށް ބޮރިސް ޖޮންސަން ވިދާޅުވިއެވެ. ވަގުތު ކުޑަތަންވިޔަސް އެއްބަސްވުން ޤާއިމުކުރުމުގައި ޤައުމުގެ އިސްތިޤްލާލަށް ބުރޫއަރާނެފަދަ ފިޔަވަޅެއް ނާޅާނެކަމަށް ބޮރިސް ޖޮންސަން ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރު ކުރެއްވިއެވެ.
އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވުމަކަށް އާދެވުމުން މިކަމުގައި ކުރިން ނާކާމިޔާބުވެވަޑައިގެންނެވި އިނގިރޭސިވިލާތުގެ ކުރީގެ ދެ ބޮޑު ވަޒީރުން ކަމުގައިވާ ތެރީސާ މޭއާއި ޑޭވިޑް ކެމަރަން ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ޑޭވިޑް ކެމަރަން ވަނީ ކޯވިޑްގެ ސަބަބުން 2020 ވަނަ އަހަރަކީ އުނދަގޫ އަހަރަކަށް ވެފައިވާއިރު، އަހަރު ނިންމާލުމަށް މިފަދަ އެއްބަސްވުމެއް އެކުލަވާލެވުމަކީ އުފާވެރިކަމެއްކަމަށް ސިފަކުރައްވާފައެވެ. ތެރީސާ މޭ ވަނީ މި އެއްބަސްވުމުގެ ސަބަބުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އަންނަ ހީނަރުކަން ކުޑަވެ ޤައުމަށް ފައިދާކުރާނެކަމަށް ވިދާޅުވެފައެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިލާތުގެ އިއްތިހާދުގެ ޗީފް އަރްސެލާ ވަންޑަލޭންވަނީ، މިފަދަ އެއްބަސްވުމަކަށް އާދެވުމަކީ ލިބުނު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށް ސިފަކުރައްވާފައެވެ.
އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަކީ އެއްވަގުތެއްގައި އުފަލާއި ހިތާމައިގެ އިހުސާސް ކުރުވާކަމެއްކަމަށް އަރްސެލާ ވަންޑަލޭން ވިދާޅުވިއެވެ. ވިލާތުގެ އިއްތިހާދުގެ ޗީފް ވަނީ އަލަށް އެކުލަވާލި އެއްބަސްވުން ޤާއިމުކޮށް އެ ޤައުމުން އިޤްތިޞާދީ ބޮޑު ބާރެއްގެ ގޮތުގައި ފާޅުވިޔަސް އިނގިރޭސިވިލާތަށް އީޔޫގެ އެހެން ޤައުމުތަކާއި އީޔޫގެ ސިންގަލް މާކެޓްގައި ހިމެނޭ އެހެން ޤައުމުތަކަށް ނުލިބޭ ބާރެއް ލިބުމުގެ ފުރުސަތު ނުދޭނެކަމަށް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވުމެއް އެކުލަވާލެވުނަސް ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެއްބަސް ނުވެވިވާ ގިނަ ކަންތައްތަކެއް އަދިވެސް އެބަ އޮތެވެ. އެގޮތުން މިހާތަނަށް ކުރި މަސައްކަތުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު މަސްވެރިކަން ކުރުމުގައި ގެންގުޅޭނެ އުސޫލަށް އެއްބަސްވެވިފައެއްނުވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާން ޖެހޭނެ ގޮތާއިމެދު އޮތް ޚިޔާލުތަފާތުވުންވެސް ހައްލުވެފައެއް ނުވެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް އިތުރު މަޝްވަރާތައް ކުރުމަށް ދެ ފަރާތުން ވަނީ ނިންމާފައެވެ. އެގޮތުން ޑިސެމްބަރު 31އަށް ފަހުވެސް އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުން އެކުލަވާލަން މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށް ވިލާތުގެ އިއްތިހާދުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިކަމުގައި އިނގިރޭސިވިލާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އެއްބަސްވުމެއް ޤާއިމުނުކުރެވުނަސް ޑިސެމްބަރ 31 ވަނަ ދުވަހު އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުން ވަކިވާނެކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިއަހަރުގެ ޖަނަވަރީމަހު އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވެފައިވާއިރު އެ ޤައުމުން މިމަހުގެ ނިޔަލަށް ވިލާތުގެ އިއްތިހާދުގައި ދަނީ ޓްރާންސިޝަން ޕީރިއަޑެއް ކަޑަތުކުރަމުންނެވެ.