ވިޔަފާރި

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ސީއީއޯއެއް ހަމަޖައްސަވައިފި


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ޕެންޝަން އޮފީހުގެ ސިއީއޯގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ޕެންޝަން ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މޯލްޓާއަށް އުފަން ޖޯން ގްރިންޑާލްއެވެ.

ޖޯން ގްރިންޑާލް ވަނީ މީގެ ކުރިން މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީމާއި، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިންގ އޮފިސަރުކަމުގެ އިތުރުން އިނގިރޭސިވިލާތުގެ މާލީ އިދާރާއެއް ކަމުގައިވާ ލޯއިޑްސް ބޭންކިންގްގ ގްރޫޕުގެ ސީނިއާ އެކްޗުއަރީކަން ކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ ޑިފައިންޑް ކޮންޓްރިބިއުޝަން އެންޑް ޑިފައިންޑް ބެނެފިޓް ފަންޑިންއާއި ޕެންޝަނާގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފައި މިވަނީ، ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެގޮތުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 25 ވަނަ ދުވަހު ވަނީ ޕެންޝަން އޮފީހުގެ ބޯޑުން ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ޤާއިމްކުރެވިގެންދިޔައީ 2009 ވަނަ އަހަރުއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ 2009 ވަނަ އަހަރުން ފެށިގެން އެމަޤާމު ފުރުއްވަމުން ގެންދެވި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވި މުހައްމަދު ހުސައިން މަނިކެވެ.