ދުނިޔޭގެ ވިޔަފާރި

ގެއްލުން ބޮޑުވެ، ޝެލް ކުންފުނީގެ ބައެއް ރިފައިނަރީތަކުގެ ހިއްސާ ވިއްކާލަނީ


ކޯވިޑްގެ ގެއްލުން ބޮޑުވެ މަޝްހޫރު ރޯޔަލް ޑަޗް ޝެލް ކުންފުނީގެ ބައެއް ރިފައިނަރީތަކުގެ ހިއްސާ ވިއްކަން ނިންމައިފިއެވެ.

ޝެލް ކުންފުނިން ހިއްސާ ވިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ބައެއް ހިއްސާތައް އެހެނިހެން ވާދަވެރި ކުންފުނިތަކަށް ވަނީ ވިއްކާލާފައެވެ. އެގޮތުން ޝެލް ކުންފުނިން ވަނީ އެކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ ކުއީންސް ލޭންޑް ކާޓިސް އެލްއެންޖީ ފެސިލިޓީތަކުގެ ހިއްސާ ވިއްކާލާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މި ފެސިލިޓީތަކުގެ 26.25 އިންސައްތަ ހިއްސާ ގްލޯބަލް އިންފްރާންސްޓްރަކްޗަރ ޕާޓްނާސް އޮސްޓްރޭލިއާއަށް ވަނީ ވިއްކާލާފައެވެ. އެހިއްސާތައް ގަނެފައިވަނީ 2.5 ބިލިއަން ޑޮލަރަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އަހަރެއްގެ މައްޗަށް 8.5 މިލިއަން ޓަނުގެ ތެޔޮ އުފައްދާ މި ފެސިލިޓީގެ ބޮޑު ބައެއްގެ ހިއްސާ ޝެލް ކުންފުނީގެ ނަމުގެ ދަށުގައި އޮތަސް މި ފެސިލިޓީތަކަށް އެ ފެސިލިޓީތަކުގެ މައިނޯރިޓީ ހިއްސާ ކުރިން ގަނެފައިވާ ޗައިނާ ނެޝަނަލް އޮފްޝޯރ އޮއިލް ކޯރޕްއިންނާއި ޓޯކިޔޯ ގޭސް ކޯއިންވެސް ނުފޫޒު ފޯރުވޭނެއެވެ. ޝެލް ކުންފުނިން މިއަހަރުގެ ކުރީ ކޮޅުވެސް ވަނީ އެ ކުންފުނީގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ބައެއް ފެސިލިޓީތަކުގެ ހިއްސާ ވިއްކާލާފައެވެ. އައު ޑީލްއާއި ގުޅޭގޮތުން ގްލޯބަލް އިންފްރާންސްޓްރަކްޗަރ ޕާޓްނާސް އޮސްޓްރޭލިއާއިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޯވިޑްގެ ސަބަބުން ޝެލް ކުންފުންޏަށް މިއަހަރު ވަނީ ދެ ބިލިއަނެއްހާ ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ. މިފަހަރު ވިއްކާލި ހިއްސާގެ ސަބަބުން ކުންފުނި ދަރަނިވެރިވުމުން ސަލާމަތްކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އަންނަ އަހަރު ދަރަނިވެރިވިޔަ ނުދީ ހިފެހެއްޓުމަށް ކުންފުނީގެ އެސެޓްތައް ވިއްކައިގެން 4 ބިލިއަން ޑޮލަރު ހޯދަން ޖެހޭނެކަމަށް ޝެލް ކުންފުނިން ބުނެއެވެ.

މިއަހަރަކީ ދުނިޔޭގައި ތެލުގެ އަގު ފުރަތަމަ ފަހަރަށް މައިނަސްވި އަހަރެވެ. ތެލުގެ އަގު ދަށްވެ ތެޔޮ އުފައްދާ ކުންފުނިތަކުން ތެޔޮ ގަންނަ ފަރާތްތަކަށް ފައިސާ ދޭން ޖެހޭ ހާލަތަށް ގޮސްފައިވާކަމަށް އޯޕެކްއިން ވަނީ ބުނެފައެވެ. ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި ފެކްޓަރީތައް ހުއްޓުމެވެ. މީގެ ސަބަބުން ތެޔޮ ގަންނަ މީހުންގެ އަދަދު މަދުވެ، ތެޔޮ ރައްކާކުރަން ޖެހޭ އަދަދު ވަނީ އިތުރުވެފައެވެ.

އޯޕެކްގެ ގައުމުތަކުން ވަނީ ތެލުގެ އަގު ދަށްވާނެ ކަމަށް ލަފާކޮށް ތެޔޮ އުފައްދާ މިންވަރު މަދުކުރަންވެސް އެއްބަސްވެފައެވެ. މި އެއްބަސްވުމާއެކު އޯޕެކް އަދި އޯޕެކް ޕްލަސްގެ ގައުމުތަކުގެ މެދުގައި މިހާރު އެއްބަސްވެފައި ވަނީ ތެޔޮ އުފައްދާ މިންވަރު 10 އިންސައްތަ މަދުކުރުމަށެވެ. މިއީ ތެޔޮ އުފައްދާ މިންވަރު މިހާ ބޮޑަށް މަދުކުރި ފުރަތަމަ ފަހަރެވެ.