ކޯވިޑް-19އާ ގުޅިގެން އަޅާފާއިވާ ފިޔަވަޅުތަކަށް މިހާރު ދިފައިވާ ލުއިތަކާއެކުވެސް ޕޮޒިޓިވްވާ ކޭސްތަކުގެ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ޑރ.ނަޒްލާ މިގޮތަށް ވިދާޅުވީ އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުންނެވެ. ނަޒްލާ ވިދާޅުވިގޮތުގައި ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ވަނީ ކޯވިޑް-19އާ ދެކޮޅަށް އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ޢާއްމު ރައްޔިތުން ޢަމަލުކުރަމުންދާތީއެވެ.
"ޓެސްޓު ކުރެވޭ ސާމްޕަލް ތަކުން ޕޮޒިޓިވްވާ މިންވަރުވެސް އަދި ފްލޫ ކްލިނިކުން ޕޮޒިޓިވްވާ މިންވަރުވެސް އެއްވަރެއްގައި ހިފެހެއްޓިފައި މިވަނީ. މި ގޮތަށް ހިފެހެއްޓިފައި މިވަނީ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވޭތީ، އަދި ފިޔަވަޅުތަކަށް ގިނަ ބޭފުޅުން ޢަމަލު ކުރައްވަމުން ގެންދަވާތީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު މި ލުއިތަކާއެއްގޮތަށް ޢަމަލުތައް ބައްޓަންކުރަމުން ދާނަމަ ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެވެންދެން ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓިގެންދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ބަލި މުޖުތަމަޢުގެ ތެރެއިން މުޅިން ފިލައިގެން ނުދާތީ ބަލި ފެތުރުމުގެ ފުރުސަތު ފަހިވާގޮތަށް ޢަމަލުތައް ނުބެހެއްޓުމަށް ޑރ.ނަޒްލާ އިލްތިމާސްކުރެއްވިއެވެ. ޓެސްޓު ކުރުމަށް މިހާރު 24 ގަޑިއިރުގެ ތެރޭގައި ތިންހާހެއްހައި މީހުން ޓެސްޓު ކުރެވޭ ކަމަށާ، ޓެސްޓު ކުރާ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އަތޮޅުތަކަށް ދަތުރުކުރާ މީހުންގެ ޢަދަދު އިތުރުވުމާ ގުޅިގެންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
"އަތޮޅު ތެރެއަށް ދަތުރުކުރައްވާ ފަރާތްތައް ގިނަވީމަ ކަރަންޓީން ރިލީޒް ސާމްޕަލް އިތުރުވާނެ، ރާއްޖެ އަންނަ ޓޫރިސްޓުންގެ ޢަދަދު އިތުރުވުމާ ގުޅިގެން ޑިޕަރޗަރ ސާމްޕަލްގެ ޢަދަދު އިތުރުވާނެ، އަދި މާލެގައި ކޮންމެ ދުވަހަކުވެސް އެކްޓިވް ސަވައިލަންސް ސާމްޕަލްގެ ގޮތުގައި 300އާ 500އާ ދެމެދުގެ ޢަދަދަކަށް ސާމްޕަލް ނެގޭތޯ ބަލަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،149 ސާމްޕަލެއް ނަގާފައިވާއިރު، އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 289،322 އަށް ވަނީ އަރާފައެވެ.