ދުނިޔޭގެ ވިޔަފާރި

ކޯވިޑް ޓެސްޓްގެ ނަތީޖާ އެނގޭ ޕާސްޕޯޓެއް ސިންގަޕޫރުގައި ބޭނުންކުރަން ފަށައފި


ކޯވިޑް ޓެސްޓްގެ ނަތީޖާ އެނގޭ ޑިޖިޓަލް ހެލްތު ޕާސްޕޯޓް ސިންގަޕޫރުގައި ބޭނުންކުރަން ފަށައފިއެވެ.

ކޯވިޑްގެ ނުރައްކާ ބޮޑުވެ 8 މަސްދުވަހަށް ޤައުމުގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު ސިންގަޕޫރުން މިހާރު ވަނީ އެ ޤައުމުގެ ބޯޑަރު ހުޅުވާލާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ޤައުމަށް ފަތުރުވެރިން އައުމަށް ދަނީ ދޮރު ހުޅުވާލަމުންނެވެ. މީގެ އިތުރުން އެ ޤައުމުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވިގެން އަންނަ ވިޔަފާރިވެރިން، އެ ފަރާތްތަކުގެ ބިޒްނަސް ޓްރިޕްތަކުގައި ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ގޮތަށް ބިޒްނަސް ޓްރެވަލް ބަބްލްއެއް ތަޢާރަފްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މިއަހަރުގެ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހު ފަށަން ނިންމި މި ޓްރެވަލް ބަބްލް އެކި ސަބަބުތަކާހެދު ހުއްޓިފައި ވީނަމަވެސް އެ ޤައުމުން މި ބަބްލްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

މި ދަތުރުތައް ވީހާވެސް ފަސޭހަކަމާއެކު ކުރިއަށްގެންދިއުމަށް ވޭތުވެދިޔަ ތަނުގައި ސިންގަޕޫރުގެ ސަރުކާރުން ވަނީ ސިސްޓަމް އޮޓޮމޭޓްކުރުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ސިންގަޕޫރުގެ "އެފިންޑީ ޓެކް ފާމް" އިސްވެ އޮވެ އަދި އިތުރު ފާމްތައް ގުޅިގެން މިހާރު ވަނީ ކޯވިޑް ޓެސްޓްގެ ނަތީޖާ ފެންނަ ފަދަ ޑިޖިޓަލް ހެލްތް ޕާސްޕޯޓްއެއް ތައްޔާރުކޮށްފައެވެ.

މި ޕާސްޕޯޓްގެ ޒަރިއްޔާއިން ސިންގަޕޫރުގެ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ހަދާ ކޮވިޑް ޓެސްޓުތަކުގެ ނަތީޖާއާއި ދަތުރުވެރިޔާގެ ސިއްޙަތާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ބަލާލެވޭނެއެވެ. މި ޕާސްޕޯޓް ކޮމާޝަލްކޮށް ބޭނުންކުރަން ފެށުމުގެ ކުރިން މި ޕާސްޕޯޓްގެ އެފިޝެންސީ ބެލުމަށް މިހާރު ވަނީ ޓްރަޔަލްތައް ފަށާފައެވެ.

ސިންގަޕޫރުގައި މި ޕާސްޕޯޓް މިހާރު ބޭނުންކުރަން ފަށާފައިވާއިރު އެންމެ ފުރަތަމަ މި ޕާސްޕޯޓުން މަޢުލޫމާތު ހިއްސާކުރާނީ 80 ކްލިނިކާއި ހޮސްޕިޓަލުންކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް އަންނައަހަރު މިއަދަދު 440އަށް އިތުރުކުރާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

ގައިންގަޔަށް އަރާ ބައްޔެއްކަމުގައިވާ ކޯވިޑްގެ ނުރައްކާ ބޮޑުވުމުން އެކި ކަންކަމުގައި މީހުންނާއި ސީދާ ބައްދަލުވުވެގެން ކުރިއަށްގެންދާ މުޢާމަލާތްތައް މަދުކުރަން ވަނީ މަޖުބޫރުވެފައެވެ. ދަތުރުފަތުރުފަދަ ޒަރޫރީ ބޭނުންތަކުގައި މި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިންގަޕޫރުފަދަ ޤައުމުތަކުން ޑިޖިޓަލް ޕާސްޕޯޓް ތަޢާރަފްކޮށްފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދު ޗައިނާއިންވެސް ވަނީ ބައިނަލްއަޤްވާމީ ދަތުރުފަތުރު ހުޅުވާލާއިރު ކިއުއާރް ކޯޑް ސްކޭންކޮށްގެން ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ތަޢާރަފްކޮށްފައެވެ.

ކޯވިޑްގެ ސަބަބުން އެޅި ފިޔަވަޅުތަކަށް ލުއިތައްދީ އެތެރޭގެ އުދުހުންތައް ހުޅުވާލުމަށްފަހު ޗައިނާއިން ދަނީ ކިއުއާރް ކޯޑް ސްކޭންކޮށްގެން ދަތުރުފަތުރު ކުރަމުންނެވެ. މޯބައިލް ފޯނުން ސްކޭންކުރާ މި ކިއުއާރް ކޯޑްގައި ދަތުރުވެރިޔާގެ ސިއްޙީ ހާލަތާއި، ދަތުރުކުރުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ މަޢުލޫމާތު ވަނީ ސްޓޯކޮށްފައެވެ.

މި ނިޒާމުގެ ސަބަބުން އެކަކުއަނެކަކާއި ބައްދަލުވުން މަދުވެ ބަލި ކޮންޓްރޯލްކުރުމަށް ފަސޭހަވެފައިވާކަމަށް ޗައިނާގެ ސިއްޙަތާއި ބެހޭ އޮފިޝަލުން ވިދާޅުވެއެވެ. ޗައިނާގައި މިދިޔަ ފެބްރުއަރީމަހު ބޭނުންކުރަން ފެށި މި ނިޒާމުގައި ދަތުރުވެރިޔާގެ ޙާލަތު އަންގައިދިނުމަށް ކުލަތައް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ސިއްޙީ ހާލަތު ރަނގަޅު ނަމަ ކިއުއާރް ފެހި ކުލައިން ފެންނައިރު، ހާލަތު ގޯސްނަމަ ފެންނާނީ ރަތްކުލައާއި އޮރެންޖްކުލައިންނެވެ. އަދި ރަތްކުލައާއި އޮރެންޖްކުލައިން ކިއުއާރު ކޯޑު ހުންނަ މީހުން 2 ހަފްތާގެ ކަރަންޓީނަށް ދަތުރުވެރިން ފޮނުވާލުމުގެ އިންތިޒާމު މި ނިޒާމުގައި ވަނީ ކަނޑައަޅާފައެވެ.