ދުނިޔޭގެ ވިޔަފާރި

ކޮކާކޯލާ ކުންފުނިން 2000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ


އަންދާޒާ ކުރިވަރަށްވުރެ އާމްދަނީ ދަށްވެ، މަޝްހޫރު ބެވަރެޖް ކުންފުނި ކޮކާކޯލާއިން އެކުންފުނީގެ ދެހާހަށްވުރެ ގިނަ މުވައްޒަފުން މަދުކުރަން ނިންމައިފިއެވެ.

ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވެ، ކޮކާ ކޯލާ ކުންފުނިން މިއަހަރުގެ ކުރީކޮޅު ވަނީ އެކުންފުނިން އުފައްދާ 200 ބުއިމެއް އުފެއްދުންވެސް ހުއްޓާލަން ނިންމާފައެވެ.

ކޯވިޑްގެ ސަބަބުން ކުރިމަތި އިޤްތިޞާދީ ދަތިކަމާއެކު އަޅަން ނިންމި ފިޔަވަޅާއި ގުޅޭގޮތުން ކޮކާކޯލާ ކުންފުނިން ބުނީ ފުރަބަންދުގެ ސަބަބުން ކުންފުނީގެ ގިނަ އުފެއްދުންތަކެއްގެ ވިޔަފާރި ވަރަށް ބޮޑަށް އަޑިއަޅާލާފައިވާކަމަށެވެ. އެގޮތުން ކުންފުނީގެ ތިންވަނަ ކުއާޓާގެ އާމްދަނީ 9 އިންސައްތައިން ދަށަށްގޮސް 8.7 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ.

ވިޔަފާރި ދަށްވުމުން ކުންފުނީގެ ހިންގުމަށް ދަތިވެފައިވާއިރު، މިކަން ހައްލުކުރުމަށް އެ ކުންފުނީގެ އެކި އައުޓްލެޓްތަކުން ދެ ހާސް ދުއިސައްތަ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މީގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ވަކިކުރާނީ ކޮކާކޯލާގެ ވިޔަފާރި އެންމެ ބާރަށް ހިނގާ އަދި ކާރުޚާނާތައް އެންމެ ގިނަ އެމެރިކާއިންކަމަށް ކޮކާ ކޯލާ ކުންފުނިން ހާމަކުރެއެވެ. އެގޮތުން އެޤައުމުން އެކަނިވެސް އެއްހާސް ދުއިސައްތަ މުވައްޒަފުން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

ކޮކާ ކޯލާ ކުންފުނިން މިއަހަރުގެ އޮގަސްޓްމަހު ވަނީ ކުންފުނީގެ ޚަރަދު ކުޑަކުރުމަށްޓަކައި ވޮލަންޓްރީ ސެޕަރޭޝަން ޕެކޭޖެއް ނުވަތަ އަމިއްލައިން ވަޒީފާއިން ވަކިވުމަށް ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. މި ޕެކޭޖްގެ ދަށުން ދެ ފަރާތުން އެއްބަސްވެވޭގޮތުގެ މަތިން މަސައްކަތްކުރި ދުވަސްތަކަށް މުސާރަ ދިނުމަށްފަހު ވަޒީފާއިން މުވައްޒަފުން ވަކިވުމަށް ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި ޙާލަތު ރަނގަޅުވިހާ އަވަހަކަށް މި މުވައްޒަފުންނަށް ވަޒީފާ ރުޖޫޢަވާގޮތަށް މި ޕެކޭޖުން އެއްބަސްވުންތަކެއް ވަނީ ޤާއިމުކޮށްދައެވެ. މި ޕެކޭޖްގެ ދަށުން އެމެރިކާ އަދި ކެނެޑާއިން އެކަނިވެސް ހަތަރު ހާހެއްހާއި މުއައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އަންދާޒާ ކުރިވަރަށްވުރެވެސް އާމްދަނީ ދަށްވެ ކޮކާކޯލާއިން އެކުންފުނީގެ ދެހާހަށްވުރެ ގިނަ މުއައްޒަފުން މަދުކުރަން ނިންމާފައިވާއިރު، ކޮކާ ކޯލާ ކުންފުނިން މިއަހަރުގެ ކުރީކޮޅު ވަނީ އެކުންފުނިން އުފައްދާ 200 ބުއިމެއް އުފެއްދުންވެސް ހުއްޓާލަން ނިންމާފައެވެ.

ކޮކާ ކޯލާ ކުންފުނީގެ މި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުންފުނީގެ ސީއީއޯ ޖޭމްސް ކުއިންސީ ވަނީ ހުއްޓާލަން ނިންމާފައިވަނީ ގިނަ ދުވަސްވީ އައުޓް ޑޭޓް ވެފައިވާ ބުއިންތައްކަމަށެވެ. މީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ހައިޑްރޭޝަން ކެޓަގަރީގެ ބުއިންތައްކަމަށް ސީއީއޯ ޖޭމްސް ކުއިންސީ ވިދާޅުވިއެވެ.

ކޮކާ ކޯލާ ކުންފުނިން ދަނީ އެ ކުންފުނީގެ މަޝްހޫރު ބްރޭންޑްތައް އިތުރަށް އިޝްތިހާރުކުރުމުގެ މަސައްކަތް އިތުރުކުރަމުންނެވެ. އެގޮތުން ޒަމާނަށް ފެތޭ ބުއިންތަކުގެ ގޮތުގައި ބަލާ ކޮކާކޯލާ ޒީރޯ ޝުގަރ އަދި ޓޮޮޕޯ ޗިކޯ ފަދަ ބްރޭންޑްތައް އިތުރަށް އިޝްތިހާރުކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން މުޅިން އައު ބުއިންތައް ތަޢާރަފްކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން 2021 ވަނަ އަހަރު މި ބުއިންތައް ލޯންޗްކުރާނެކަމަށް ކޮކާކޯލާ ކުންފުނިން ބުނެއެވެ.