ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން އަންނަމަހު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.
މިއާއެކު އިންޑިއާ ވެގެންދާނީ ބްރެކްސިޓަށް ފަހު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޤައުމަކަށް ވަޑައިގެން މިފަދަ މަޝްވަރާއެއް ކުރައްވާ ފުރަތަމަ ފަހަރަށެވެ.
އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން މިއަހަރުގެ ޖަނަވަރީމަހު ވަކިވެފައިވާއިރު، އެ ޤައުމުން މިހާރު ދަނީ މީގެކުރިން ވިލާތުގެ އިއްތިހާދު މެދުވެރިކޮށް ޤާއިމުކޮށްފައިވާ ގުޅުންތައް ޤައުމުގެ ހައިސިއްޔަތުން ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން މިއަންނަ އަހަރު ވެގެންދާނީ އިނގިރޭސިވިލާތުގެ އިޤްތިޞާދު ކުރިއެރުވުމަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވެ މަސައްކަތްކެއް ކުރަންޖެހޭނެ އަހަރަކަށްކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވަނީ ވިދާޅުވެފައެެވެ.
މި ސަބަބަށްޓަކައި ވަކިވަކި ޤައުމުތަކާއި ވީ އެންމެ އަވަހަކަށް ސިޔާސީ އަދި ވަކިން ޚާއްސަކޮށް ވިޔަފާރީގެ ގުޅުން ޤާއިމުކުރަން އަމާޒު ހިފާފައިވާކަމަށް ބޮޑު ވަޒީރު ޖޮންސަން ވިދާޅުވިއެވެ. މި އަމާޒުުގެ ދަށުން ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން އަންނަމަހު އިންޑިއާއަށް ވަޑައިގަންނަވާނެކަން މިހާރު މިވަނީ ހާމަކުރައްވާފައެވެ.
މި ދަތުރުފުޅަކީ ބޮޑު ވަޒީރު ބޮރިސް ޖޮންސަން މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިކަން ހާމަކުރައްވާ ބޮޑު ވަޒީރު ބޮރިސް ޖޮންސަންގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރަން ނިންމާފައިވާކަމަށް ހާމަކޮށްފައެެވެ.
އެގޮތުން ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އިނގިރޭސިވިލާތުން ވިޔަފާރިކުރުމަށް ގެންނަ ބަދަލުތަކާއި ފަސޭހަތަކުގެ މަޢުލޫމާތު އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޯވިޑްގެ ސަބަބުން ކުރި އަސަރު ކުޑަކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވޭނެ މަސައްކަތްކާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މި ދެ އިޤްތިޞާދު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމަށް ވަނީ ނިންމާފައެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އިންޑިއާ ސަރުކާރާއި އިދިކޮޅުގެ އިސްވެރިންނާއި ބޮރިސް ޖޮންސަން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑު ވަޒީރު ބޮރިސް ޖޮންސަންގެ މިދަތުރުފުޅުގައި ޖަނަވަރީމަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޚާއްސަ ޕެރޭޑްގައި ޝަރަފްވެރި މެހެމާނުގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.