އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުން އެންމެ ގާތީ ވިޔަފާރީގެ އެއްބަސްވުމަކާއި ނުލާކަމަށް އިނގިރޭވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން މިއަހަރުގެ ޖަނަވަރީމަހު ނިކުމެފައިވާއިރު، އެ ޤައުމު މިހާރު ދަނީ ވިލާތުގެ އިއްތިހާދުން ވަކިވުމަށް ޓްރާންސިޝަން ޕީރިއަޑެއް ކަޑައްތު ކުރަމުންނެވެ. ޓްރާންސިޝަން ޕީރިއަޑް މިއަހަރުގެ ނިޔަލަށް ހަމަވާއިރު، ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ.
ބްރެކްސިޓްގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވަނީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ އެއްބަސްވުން އެކުލަވާލުމުގައި ގިނަ ހުރަސްތަކެއް އަދިވެސް އެބަހުރިކަމަށް ވިދާޅުވެފައެވެ. މި ހުރަސްތައް ނައްތާލުމަށްޓަކައި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އަރްސެލާ ވޮންޑަލޭން އިސްކޮށް ހުންނަވާ ވިލާތުގެ އިއްތިހާދާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ.
މި މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއްކަމަށް ސިފަކުރައްވާ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ވަނީ އެއްބަސްނުވެވި ހުރި ކަންތައްތައް ހައްލުކުރުމަށް އަވަސް މުސްތަޤުބަލެއްގައި މަޝްވަރާކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުން ގާތީ ވިޔަފާރީގެ އެއްބަސްވުމަކާއި ނުލާކަމަށް ބޮރިސް ވިދާޅުވިއެވެ.
އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު ބްރެކްސިޓްގެ ސަބަބުން އުފެދިފައިވާ ޚިޔާލުތަފާތުވުން ކުޑަކުރެވުނު ކަމުގައިވިޔަސް ވިލާތުގެ އިއްތިހާދުން މި ވާހަކަތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނަމުންދަނީ އެކަމުގައި ކުރިޔަށް ނުދެވި ހުއްޓުން އަރާފައިވާކަމަށެވެ.
ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިންގާނެ ގޮތާއިމެދު ބޮޑުވަޒީރު ޖޮންސަންއާއި އުތުރު އަޔަލެންޑްގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީއާއި ދެމެދު ވަނީ ޚިޔާލު ތަފާތުވެފައެވެ.
ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އީޔޫއާއެކު ވެވޭ އެއްބަސްވުމެއް ޤާއިމުނުކުރެވުނަސް ޑިސެމްބަރު 31 ވަނަ ދުވަހު އިނގިރޭސިވިލާތް އީޔޫއިން ވަކިވާނެކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ ވިދާޅުވެފައެވެ.