ކޯވިޑްގެ ނުރައްކާ ބޮޑުވާން ފެށުމާއެކު ޖަޕާން ސަރުކާރުން އަނެއްކާވެސް ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.
ޖަޕާންގައި ކޯވިޑްގެ 2 ވަނަ ރާޅަކާއެކު މި ބަލި އަނެއްކާވެސް ފެތުރެން ފަށާފައިވާއިރު، މިކަމުން ކުރާ އަސަރު ކުޑަކުރުމަށް މިފަހަރު ވަނީ 708 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އަދި ޖީޑީޕީއަށް ކުރަމުންދާ އަސަރު ތަފްސީލްކޮށްދެއްވާ ދެއްވި ތަޤްރީރެއްގެ ތެރެއިން ޖަޕާނުގެ ބޮޑު ވަޒީރު ޔޮޝިހީޑޭ ސޫގާ ވަނީ އައު ސްޓިމިއުލަސް ޕެކޭޖް ތަޢާރަފްކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
މި ސްޓިމިއުލަސްގައި 384 ބިލިއަން ޑޮލަރަކީ ފިސްކަލް ޚަރަދަށް އެކަނި ޚާއްސަކޮށްފައިވާ ބައެއްކަމަށް ބޮޑު ވަޒީރު ސޫގާ ވިދާޅުވިއެވެ. މިފަހަރުގެ ސްޓިމިއުލަސްއިން މައިގަނޑުގޮތެއްގައި އަމާޒުހިފާފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމާއި، އައު ވިޔަފާރިތައް ތަޢާރަފްކުރުމަށް އެހީވުމަށްކަމަށް ސޫގާ ވިދާޅުވިއެވެ.
ޖަޕާން ސަރުކާރުން ކޯވިޑްއާއި ގުޅިގެން މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ސްޓިމިއުލަސް ޕެކޭޖްތައް ވަނީ ތަޢާރަފްކޮށްފައެވެ.
މިފަހަރު ތަޢާރަފްކުރި 708 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖާއެކު ޖަޕާން ސަރުކާރުން މި ޙާލަތުން އަރައިގަތުމަށް 2.2 ޓްރިލިއަން ޑޮަލަރުގެ އެހީ ރައްޔިތުންނަށް ސްޓިމިއުލަސްގެ ގޮތުގައި އެކަނި ފޯރުކޮށްދެވޭނެކަމަށް ޖަޕާނުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޖަޕާންއަކީ ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ. އެހެންނަމަވެސް މިއަހަރުގެ 3 ވަނަ ކުއާޓާގައި އެ ޤައުމުގެ އިޤްތިޞާދު ކުރިން އޮތް ޙާލަތަށްވުރެ ރަނގަޅުވަމުން އަންނަކަން އެ ޤައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެެވެ. އެގޮތުން އަންދާޒާތައް ފަހަނައަޅާ ޖުލައިމަހާއި ސެޕްޓެމްބަރުމަހާއި ދެމެދު އެ ޤައުމުގެ ޖީޑީޕީ ވަނީ 22.9 އިންސައްތަ އިތުރުވެފައެވެ. މިއީ ކުރިން ލަފާކުރި 21.4 އިންސައްތައަށް ވުރެ 1.5 އިންސައްތަ އިތުރު އަދަދެކެވެ. މިވަރަށް ޖީޑީޕީ އިތުރުވެފައި ވަނީ ކޯވިޑްގެ ސަބަބުން ކުރިމަތިވި ފުރަބަންދުގެ ޙާލަތު ނިމި އެކްސްޕޯޓްގެ އަދަދު އިތުރުވުމާއި ގުޅުގެންނެވެ.