ޚަބަރު

ރާއްޖެއާއި ޗައިނާއާ ދެމެދު މުހިއްމު މަޝްވަރާތަކެއް ބާއްވަނީ


ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބާއްވާ ބައިލެޓަރަލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

މި ބައްދަލުވުމަކީ ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބާއްވާ މަޝްވަރާތަކުގެ 2 ވަނަ ބައްދަލުވުމެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ބާއްވާ މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ، އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންނާއި، ކޯވިޑްގެ މި ޙާލަތުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ޗައިނާއާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުމާއި ގުޅެގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުންދިޔަ ޤައުމުކަމުގައި ވާއިރު، މިފަދަ ބައްދަލުވުންތައް އިތުރުކޮށް ޗައިނާ ފަތުރުވެރިން ރާއްޖެއަށް ކުރާ އިތުބާރު އަނބުރާ ގެނެސް ކުރީގެ އަދަދުތައް ގެނައުމަށް މަސައްކަތް ކުރާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިޒަލްއެވެ. މީގެ އިތުރުން ޗައިނާގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނީ، ޗައިނާ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޗެންގް ސޮންގްއެވެ.

ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން ބޭއްވުމަށް ތައްޔާރުވެފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، ޗައިނާއަކީ މިހާރުވެސް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށާއި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހަރުދަނާކަންމަތީ، އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.