އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންއާއެކު ދެ ޤައުމުގެ ގޯސްވެފައިވާ ވިޔަފާރީގެ ގުޅުން ރަނގަޅުކުރުމަށް ތައްޔާރަށް އޮތްކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާއިން ވަނީ އެ ޤައުމާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުން ދެމެހެއްޓުމުގައި އެއްބާރުލުން ދޭނެކަމަށްވެސް ބުނެފައެވެ.
ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ އިސްވެރިންނާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސްއެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ ވަނީ ދެ ޤައުމުގެ ގުޅުން ރަނގަޅުކުރުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުން ދެމެހެއްޓެވުމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވާކަމަށް ވޭންގް ޔޫ ވިދާޅުވިއެވެ. އަދި މިގުޅުން އިތުރުށް ބަދަހިކުރުމަށް މަޝްވަރާގެ މޭޒަށް އަންނަން ތައްޔާރަށް އޮތްކަމަށްވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ އިޤްތިޞާދީ ޚިޔާލު ތަފާތުވުންތައް ނައްތާލާ އެއްގަލަކަށް އެރުމަށް މިއަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހު އެކުލަވާލައި، ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ބައެއް އުފެއްދުންތައް ގަތުމަށް ޗައިނާއަށް ލާޒިމްވާއިރު، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ނުވަތަ ޓެރިފް އެމެރިކާއިން ބޮޑުކުރުން ހުއްޓާލާނެއެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު އެމެރިކާގެ އުފެއްދުންތައް ގަންނަ އަދަދު 250 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ޗައިނާގެ ކުންފުނިތަކުން އެތެރެކުރާ 100 ބިލިއަން ޑޮލަރުގެ އިންޑަސްޓްރިއަލް މުދަލުން ނަގާ ޓެރިފް 25 އިންސައްތައިގައި ހިފެހެއްޓުމަށް ވަނީ އެއްބަސްވެފައެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ނިއު ޔޯކް ޓައިމްސްއާއި ވާހަކަދައްކަވަމުން ބައިޑަން ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އިސްލާހީ ގިނަ ބަދަލުތަކެއް ގެނައިކަމުގައިވިޔަސް ވަގުތުން ވަގުތަށް އަވަސް ބަދަލުތަކެއް ގެނައުމަށް ނުވިސްނަވާކަމަށެވެ. މި ސަބަބަށްޓަކައި ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުން ދަމަހައްޓާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޗައިނާގެ ގުޅުން ވަރަށް ހީނަރުވެފައިވާކަން ފާހަގަކުރައްވާ ބައިޑަން ވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދު ހަމަޖެހިގެން މަޝްވަރާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމުކަމަށެވެ. މި ސަބަބަށްޓަކައި އެމަނިކުފާނުގެ ދައުރުގައި މިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ބައިޑަން ވިދާޅުވިއެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ގިނަ ޤައުމުތަކަކަށް ފައިދާވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.