ތިމާވެށި

ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް އިފްތިތާހު ކޮށްފި


މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުރިއަށްގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.މިއަދު ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް ރަސްމީކޮށް ލޯންޗްކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމެވެ. ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ޔޫރަޕިއަން ޔޫނިއަން އަދި އޮޓްރޭލިއަން އެއިޑްގެ ހިލޭއެހީގެ ދަށުން އެކުލަވާލާފައިވާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢެވެ. މި މަސްރޫޢު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޑޭވިޑް މަރޓީން ޑެލީ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މުޅި ދުނިޔެ އަތުގުޅާލައިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި ދިވެހި ސަރުކާރުން ކޮށްފައިވަނީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތް ތަކެއްކަމަށާއި، ކުދި ޖަޒީރާ ޤައުމުތަކާބޭ ބައިނަލްއަޤުވާމީ ޖަމިއްޔާ – އެއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން ރާއްޖެއިން ކުރަމުންދަނީ މުހިންމު މަސައްކަތްތަކެއްކަމަށް އެމްބެސިޑަރ ވިދާޅުވިއެވެ. އަދި ތިމާވެށި ހިމާޔަތްކޮށް މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށްޓަކައި ރާއްޖެއިން އަޅަންޖެހޭ ބައެއް ފިޔަވަޅުތަށްވެސް އެމްބެސިޑަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރިސޯޓް ތަރައްޤީ ކުރުމުގެ ކުރިން ހަދަންޖެހޭ އީ.އައި.އޭ ރިޕޯޓް ހެދުން ޓުއައިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރި ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށްވެސް އެންބެސިޑަރ ވިދާޅުވިއެވެ.މިމަސްރޫޢު އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މިހާތަނަށް މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު މިކަންކަމަކީ ނަތީޖާ ހާސިލް ކުރެވިދާނެ ކަންތައްތަކެއްކަން އެނގޭކަމަށެވެ. އަދި އަލަށް އިފްތިތާހް ކުރެވުނު މަޝްރޫޢަކީވެސް ވަރަށް އުންމީދީ މަޝްރޫޢެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުން އިޤްތިޞާދީ މަންފާއެއް ލިބޭނެގޮތަށް މިސަރަހައްދުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.4.2 މިލިއަން ޑޮލަރުގެ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން 3 އަހަރުދުވަހުގެ ތެރޭގައި އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ހިމާޔަތްކުރެވިފައިވާ ކިޅި އަދި ޗަސްބިން ސަރަހައްދުތައް ބޭނުންކޮށްގެން އިޤްތިޞާދީ ފައިދާ ހޯދުމުގެ މަސައްކަތްތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.މީގެ އިތުރުން މިދެއަތޮޅުގެ ޑައިވް ސެންޓަރުތަކާއި ގުޅިގެން އެސަރަހައްދުގެ ފަރުތަކުގެ ހާލަތު ދެނެގަތުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގާ، މިކަމުން ލިބޭ މައުލޫމާތުގެ އަލީގައި އެފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ކުނި އެންމެ ރައްކާތެތި ގޮތުގައި މެނޭޖް ކުރުންވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެއެވެ. މިރަސްމިއްޔާތުގައި ރާއްޖޭގައި މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ވީޑިއޯ ޕްރެސެންޓޭޝަނެއްވެސް ވަނީ ހުށައަޅައިދީފައެވެ.