ކޯވިޑް-19ގެ ވެކްސިނާއި ފަރުވާގެ ވަސީލަތްތައް އިންސާފުވެރިކަމާއެކު ބެހުމަށް ޖީ-20ގެ ޤައުމުތަކުން އެއްބަސްވެއްޖެއެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 އިޤްތިޞާދުގެ އެކުލެވޭ ޖީ-20ގެ ޤައުމުތަކުން ވަނީ ވަސީލަތްތައް ބެހުމުގައި އެންމެ އިސްކަމެއް ދޭނީ ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ފަޤީރު ޤައުމުތަކަށްކަމަށް އެއްބަސްވެފައެވެ.
ސައުދީ އަރަބިއްޔާއިން ޗެއަރކުރި ޖީ-20 ޤައުމުތަކުގެ ބައްދަލުވުމުގައި ވަނީ ކޯވިޑްގެ ވެކްސިނާއި ފަރުވާގެ ވަސީލަތްތައް ހެޔޮ އަގެއްގައި ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. މި ބައްދަލުވުމުގައި ވަނީ ކޯވިޑްގެ ޙާލަތުން އަރައިގަނެވޭނީ އެންމެން ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ފަންތީގައި ދިރިއުޅޭ މީހުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރެވިގެން ކަމަށެވެ. ދެ ދުވަހަށް ދެމިގެންދިޔަ ޖީ-20 ޤައުމުތަކުގެ މި ބައްދަލުވުމުގައި ކޯވިޑްގެ ސަބަބުން ލިބުނު އިޤްތިޞާދީ ގެއްލުމުން އަރައިގަތުމަށް ގިނަ ޕްލޭންތަކެއް ހުށަހަޅާ މި ޕްލޭންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އެގޮތުން އަންނަ އަހަރު ޖީ-20ގެ ޤައުމުތަކުން އެންމެ ބޮޑަށް އިސްކަންދޭނެ ކަންކަންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ވާރޗުއަލްކޮށް ބޭއްވި މި ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަދައްކަފުޅު ދައްކަވަމުން، ސައޫދީ އަރަބިއްޔާ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒް ވަނީ ކޯވިޑްގެ ވެކްސިނާއި ފަރުވާގެ ވަސީލަތްތައް އިންސާފުވެރިކަމާއެކު ބެހުމަށް ގޮވާލައްވާފައެވެ. އަދި ކޯވިޑްގެ ސަބަބުން މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ބޮޑުވާން މަގުފަހިވެފައި ވާއިރު، މިފަރަޤު ވީހާވެސް ކުޑަކުރުމަށް ސައޫދީ އަރަބިއްޔާ ރަސްގެފާނު ގޮވާލެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަމުން ޖީ20ގައި ހިމެނޭ ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން ވަނީ ޖީ20ގެ ޤައުމުތަކުން ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ ޚަރަދު އިތުރުކުރުމަށް ގޮވާލާފައެވެ. އެގޮތުން ކޯވިޑް-19 ޓޫލްސް، އޭސީޓީ އެކްސަލަރޭޓަރއަށް 4.5 ބިލިއަން ޑޮލަރު ޚަރަދުކުރުމަށް ޖީޓުވެންޓީގެ ޤައުމުތަކަށް ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ އަރްސެލާ ވޮންޑަލޭން ވަނީ ގޮވާލައްވާފައެވެ. މި ޤައުމުތަކަކީ ކޯވިޑްގެ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތައްކަމަށްވާއިރު، ކޯވިޑްގެ ވެކްސިނާއި ފަރުވާގެ ވަސީލަތްތައް އިންސާފުވެރިކަމާއެކު ބެހުމަށް ވަނީ ގޮވާލާފައެވެ.
މި ބައްދަލުވުމުގައި ޤައުމުތަކުން ވަނީ އެ ޤައުމުތަކުން މި ދަނޑިވަޅުގައި ފޯރުކޮށްދޭނެ ވަކިވަކި އެހީގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ވަނީ 592 މިލިއަން ޑޮލަރު ޚަރަދުކުރާނެކަމަށް ވިދާޅުވެފައެވެ. ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވަނީ އެ ޤައުމުން ތަޙުލީލުކުރަމުންދާ ވެކްސިން އިންސާފުވެރިކަމާއެކު ބަހާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރަޝިއާއިން ވަނީ އެ ޤައުމުން އިތުރު 2 ވެކްސިނެއް ތަޙުލީލުކުރަމުންދާކަންވެސް ހާމަކޮށްފައެވެ. މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ އެ ޤައުމުން އުފައްދާފައިވާ ޒަމާނީ ވަސީލަތްތަކާއި އެ ޤައުމުން ތަޙުލީލުކުރަމުންދާ ވެކްސިން އިންސާފުވެރިކަމާއެކު ބަހާނެކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ބައިވެރިވެވަޑައިގެން މެމްބަރު ޤައުމުތަކުގެ ވެރިންނާއި ވަނީ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެމެރިކާގެ ރައީސް ޓްރަމްޕްވަނީ މި ޙާލަތުން އަރައިގަތުމަށް އަތުގުޅާލުމަށް ގޮވާލައްވާފައެވެ.