ޚަބަރު

ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި


އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ބިން ހިއްކައިގެން ޓެސްޓް ފްލައިޓް ޖެއްސި އެއަރޕޯޓަކަށް ހއ. ހޯރަފުށީ އެއަރޕޯޓް ވެއްޖެއެވެ.

ދޮޅުއަހަރު ދުވަހުގެ ތެރޭގައި ހއ. ހޯރަފުށީ އެއަރޕޯޓްގެ ބިން ހިއްކާ މަސައްކަތް މުޅިން ނިންމާލާފައިވާއިރު ހއ. ހޯރަފުއްޓަށް މިއަދު ވަނީ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައެވެ.

ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓުގައި ދަތުރުކުރި ފުރަތަމަ ޓެސްޓް ފުލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރުގައެވެ. ޓެސްޓް ފުލައިޓްގައި ފުރަތަމަ ވަޑައިގެންނެވީ، މި އެއަރޕޯޓް ހުޅުވުމަށް ވަޑައިގަންނަވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޓެކްނިކަލް ބޭފުޅުންނެވެ. ޓެސްޓް ފްލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ހއ. ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ހޯރަފުށީ އެއާޕޯޓަށް ގޮސްފައިވެއެވެ.

އެމްޓީސީސީން ތަރައްޤީކޮށްފައިވާ މިއެއަރޕޯޓުގައި މިއަދު ޓެސްޓް ފްލައިޓް ޖެއްސި އިރު، އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ.ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.

ކުރީ ސަރުކާރުން ހއ މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއަރޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. 25 މާރޗް 2019 ގައި އެމްޓީސީސީއާއެކު އެއަރޕޯޓް ތަރައްޤީކުރުމަށް ސޮއިކުރުމަށްފަހު އޭގެ 24 ދުވަސް ފަހުން ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައެވެ.

2019 ވަނަ އަހަރު އޭޕްރީލްމަހުގެ 18 ވަނަ ދުވަހު ހޯރަފުށީ ފަޅުން 16ހެކްޓަރުގެ ބިން ހިއްކައިގެން އެރަށުގައި އެއަރޕޯޓް ތަރައްޤީކުރަން ފެށި މަޝްރޫޢަކީ ހއ.އަތޮޅުގެ އުތުރުގެ ރަށްތަަކަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދުމަށް ފެށި އުންމީދީ މަޝްރޫޢެކެވެ. ހއ. ހޯރަފުށީގައި މި އެއަރޕޯޓް ތަރައްޤީކޮށް ނިންމާލާފައި މިވަނީ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިތާ 576 ދުވަސް ނުވަތަ ދޮޅު އަހަރު ދުވަހުގެ ތެރޭގައެވެ. މިއާއެކު މި އެއަރޕޯޓަކީ ި ބިން ހިއްކައިގެން އެންމެ އަވަހަށް މަސައްކަތް ނިންމާލި އެއަރޕޯޓެވެ.

ހއ. ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމުން މި އެއަރޕޯޓްވެގެންގޮސްފައި މިވަނީ ރާއްޖޭގެ އެންމެ އުތުރުން ތަރައްޤީކޮށްފައިވާ އެއަރޕޯޓަށްވެސް މެއެވެ. މި އެއަރޕޯޓްގެ ޝެޑިއުލް ދަތުރުތައް ފަށާނެ ތާރީޚެއް އަދި ސަރުކާރުންވެސް އަދި އެއަރޕޯޓް ހިންގުމަށް ހަވާލުވެފައިވާ ރީޖަނަލް އެއަރޕޯޓްސްއިންވެސް ހާމަކުރައްވާފައެއް ނުވެއެވެ.