ޚަބަރު

މަޑިވަރު އެއަރޕޯޓްގެ ޚިދުމަތް އަންނަ އަހަރު ކުރީކޮޅު ފަށާނަން - މިނިސްޓަރ ނަހުލާ


ޅ.އަތޮޅު މަޑިވަރުގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އެއް ހަމައެއްގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ. އެގޮތުން މަސައްކަތް ފަށާފައި ނުނިމި ހުރި އެއަރޕޯޓްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި މާވަރުލު އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމައި ޝެޑިއުލް ދަތުރުތައް ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް މިމަހު ފެށުމަށް ތައްޔާރުވެފައިވާކަމަށާއި، ޅ.އަތޮޅު މަޑިވަރުގައި ތަރައްޤީކުރަން ފަށާފައިވާ އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމައި އަންނަ އަހަރު ޚިދުމަތް ފަށާނެކަމަށެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ހަދާ އެއަރޕޯޓެކެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018ވަނަ އަހަރުގެ މެއިމަހުއެވެ. ކުރެއްދޫ ހޯލްޑިންގްސްއިން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ.

"ހޯރަފުށި އެއަރޕޯޓް މިމަސްތެރޭ ހުޅުވޭނެ، މަޑިވަރު އެއަރޕޯޓްގެ ޚިދުމަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށް މަސައްކަތްކުރަނީ. މި އެއަރޕޯޓްތަކާއިއެކު ވައިގެ ދަތުރުފަތުރަށް ބޮޑު ކުރިއެރުމެއް ލިބޭނެ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ޅ.އަތޮޅު މަޑިވަރު އެއަރޕޯޓުގައި ތަރައްޤީކުރަނީ 1200މީޓަރުގެ ރަންވޭއެވެ. މަސައްކަތުގެ ސްކޯޕްގައި ޓަރމިނަލާއި، އެއަރ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔަރ ބިލްޑިންގ ހިމެނެއެވެ. މި މަސައްކަތުގައި މަޑިވަރުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ހިމެނެއެވެ.

ޅ. އަތޮޅަކީ ގިނަ ރިސޯޓްތައް ހިމެނޭ އަތޮޅެކެވެ. މި ސަރަޙައްދުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް، ފަތުރުވެރިކަމަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ.

އަދުރޭ

އަގުތައް ހެޔޮވިއްޔާ ކިތަން މެހާ ވެސް ރަނގަޅު. އެއަރޕޯޓްގެ ބޭނު މަކީ ފަސޭހަ ކޮށް ޢަގު ހެޔޮކޮށް ޚިދު މަތްލިބުން.. މިކަން ވެއްޖެއްޔާ ރަނގަޅު