ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ކ.އަތޮޅުން މ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، ހަވީރު 17:45އިން 21:30އާ ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
އެހެންކަމުން މި ސަރަޙައްދުގެ ރައްޔިތުން އަދި ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
Alert yellow for torrential rain https://t.co/Byeo3PkKvc
— Maldives Meteorology (@MetMaldives) October 22, 2026
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޢަރަބި ކަނޑާއި ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ވިއްސާރަ ވިލާތައް އަތޮޅުތެރެއަށް ޖެހެމުންދާ ކަމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހުކުރު ހޮނިހިރު މި ދެ ދުވަހުވެސް ރާާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ، 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެން އަތޮޅުތަކަށް ވައި ޖެހެމުންދާނީ، 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.