އާބާދީގެ ގޮތުން ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީނަމަވެސް ފަތުރުވެރިކަން ހިމެނޭހެން ރާއްޖެއަކީ އިންވެސްޓްމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރާއްޖެ – ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުންނެވެ.
ބޭރުގެ ޤައުމުތަކުގައި ބާއްވާ ބިޒްނަސް ފޯރަމްގެ ބޭނުމަކީ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބޭރުގެ ޤައުުމުތަކަށް ބުނެދީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.
ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާއި ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރު ކުރެއްވުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ޕާކިސްތާނަކީ އިޤުތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ ޤައުމެއްކަމަށް ދެކޭ ކަމަށެވެ. ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ އިޤުތިސާދަކީ ގުޅިފައިވާ ދެ އިޤުތިސާދުކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓު ކުރުމަށް ގިނަ ދާއިރާތަކެއް ހުރި ޤައުމެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ސިނާއީ ދާއިރާތަކާއި، އިމާރާތް ކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާއަކީވެސް އިންވެސްޓުކުރުމަށް ފުރުސަތު ހުރި ދާއިރާތަކެއްކަން ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖެއަށް ބަލާއިރު، ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާ ކަމެއް ނޫން. ޖަޒީރާ ގައުމަކަށްވީތީ، މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް. ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ހީކޮށްގެން ނުވާނެ. އަޅުގަނޑުމެންނަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ގައުމެއް ނޫން. ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރޭ." ރައީސް ވިދާޅުވިއެވެ.
ޕާކިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މިހާރުވެސް ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދޭކަމަށް ރައީސް ވިދާޅުވިއެވެ. ޒަމާނީ ފުޑް ޕްރޮސެސިންގ، މޫސުމީ ބަދަލުތަކާއި ގުޅިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުގެ އިންވެސްޓަރުންނަށް ވަނީ ގޮވާލައްވާފައެވެ.
ރައީސް ވަނީ، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް 2 ޤައުމުގެ ކަނެކްޓިވިޓީ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަށް 2 ޤައުމުގެ ކުންފުނިތަކަށް ހިތްވަރުދޭކަމަށް ވިދާޅުވިއެވެ.
"ވިޔަފާރި ކުރިއެރުވުމަށްޓަކައި ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަވާން ޖެހެއެވެ. ޖަޒީރާ ގައުމަކަށް ކަނޑުމަގުން ގުޅާލެވިފައި އޮތުމަކީ އިޤުތިސާދީ މައިނާރު. ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކުރުމަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރަންޖެހޭ. އެހެންކަމުން ދެ ގައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ދަތުރުފަތުރުގެ ގުޅުންތައް ޤާއިމުކުރުމަށް އަޅުގަނޑު ހިތްވަރުދެން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާއި ޕާކިސްތާނާއި 2 ޤައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރުވެފައިވާއިރު، މި ގުޅުމަށް ހީނަރުކަމެއްނައިސް މިގޮތުގައި ދެމިގެން ގޮސްފައިވާ ކަމަށެވެ. 60 އަހަރުގެ ދިގު މުއްދަތުގައި އުފެދިފައިވަނީ، އިތުބާރާއި ޔަޤީންކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.