ދުނިޔޭގެ ވިޔަފާރި

ބްރެކްސިޓްއަށް ކުޑަތަންވެެއްޖެ! އެއްބަސްވުމަކަށް އާދެވޭތޯ އަދިވެސް ދަނީ މަސައްކަތްކުރަމުން


ބްރެކްސިޓްއަށް ކުޑަތަންވެފައިވާ ދަނިވަޅުގައިވެސް ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރަމުންދާކަމަށް ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން މިއަހަރުގެ ޖަނަވަރީ މަހު ނިކުމެފައިވާއިރު، އެ ޤައުމު މިހާރު ދަނީ ވިލާތުގެ އިއްތިހާދުން ވަކިވުމަށް ޓްރާންސިޝަން ޕީރިއަޑެއް ކަޑައްތުކުރަމުންނެވެ. ޓްރާންސިޝަން ޕީރިއަޑް މިއަހަރުގެ ނިޔަލަށް ހަމަވާއިރު، ވިޔަފާރީގެ އެއްބަސްވުމަކާއެކު އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމުގައި މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

ބްރެކްސިޓްގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަންވަނީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުންވަކިވުމަށް އެކުލަވާލާ އެއްބަސްވުން އެކުލަވާލުމުގައި ގިނަ ހުރަސްތަކެއް އަދިވެސް އެބަހުރިކަމަށެވެ. މި ހުރަސްތައް ނައްތާލުމަށްޓަކައި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އަރްސެލާ ވޮންޑަލޭން އިސްކޮށް ހުންނަވާ ވިލާތުގެ އިއްތިހާދާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ. މި މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއްކަމަށް ސިފަކުރައްވާ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ވަނީ އެއްބަސްނުވެވި ހުރި ކަންތައްތައް ހައްލުކުރުމަށް އަވަސް މުސްތަޤުބަލެއްގައި މަޝްވަރާކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

މި މަޝްވަރާތަކާއި ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އަރްސެލާ ވޮންޑަލޭންވެސް ވިދާޅުވީ މި މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަމަށެވެ. އަދި އަވަސް މުސްތަޤުބަލެއްގައި އެއްބަސްވުމެއް ޤާއިމުކުރެވި ދެ ފަރާތައްވެސް ގެއްލުން ކުޑަވާގޮތަކަށް ބްރެކްސިޓްގެ ކަންކަން ނިންމާލެވޭނެކަމަށް އުންމީދުކުރައްވާކަމަށް އަރްސެލާ ވޮންޑަލޭން ވިދާޅުވިއެވެ.

އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު މިކަމުގައި އޮތް ޚިޔާލުތަފާތުވުން ކުޑަކުރެވުނު ކަމުގައިވިޔަސް ވިލާތުގެ އިއްތިހާދުން މި ވާހަކަތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނަމުންދަނީ އެކަމުގައި ކުރިޔަށް ނުދެވި ހުއްޓުން އަރާފައިވާކަމަށެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާންޖެހޭނެ ގޮތާއިމެދު ބޮޑުވަޒީރު ޖޮންސަންއާއި އުތުރު އަޔަލެންޑްގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީއާއި ދެމެދު ވަނީ ޚިޔާލުތަފާތުވެފައެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އެފަރާތާއެކު ވެވޭ އެއްބަސްވުމެއް ޤާއިމުނުކުރެވުނަސް ޑިސެމްބަރ 31 ގައި އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވާނެކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ ވިދާޅުވެފައެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާމެދު އަދިވެސް އެއް ފަހަރު ރައްޔިތުންގެ މެދުގައި ފެންނަ-ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ލަންޑަންގައި މިއަހަރުގެ ތެރޭގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.