އަންދާޒާޒާތައް ފަހަނައަޅާ މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް 11.4 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
ޗައިނާއިން އޮކްޓޯބަރުމަހު 46 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކުރާނެކަމަށް ލަފާކުރިއިރު، މިދިޔަމަހު އެ ޤައުމުން ވަނީ 58.44 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައެވެ. މިއާއެކު އޮކްޓޯބަރުމަސް ވެގެންގޮސްފައިވަނީ މިދިޔަ 19 މަސްދުވަހުގެ ތެރެއިން ޗައިނާއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި މަހަށެވެ.
މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް 11.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު މިއީ ކުރިން ލަފާކުރި 9.3 އިންސައްތައަށްވުރެ 2.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި ސެޕްޓެމްބަރުމަހުގެ ކުރިއެރުންކަމުގައިވާ 9.9 އިންސައްތައަށްވުރެ 1.5 އިންސައްތަ އިތުރު އަދަދެކެވެ.
ކޯވިޑްގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދު ހީނަރުވެ ޗައިނާއަކީ ހެޔޮ އަގެއްގައި މުދާ އެކްސްޕޯޓްކުރާ ޤައުމެއްކަމަށްވުމީ އެ ޤައުމުގެ އިޤްތިޞާދު މިވަރުގެ ކުރިއެރުމެއް ހޯދި އެއް ސަބަބުކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި އެ ޤައުމުން މިދުވަސްވަރާއި ދިމާކޮށް މެޑިކަލް ސަޕްލައިސް އެކްސްޕޯޓްކުރާ މިންވަރު އިތުރުކޮށްފައިވުމަކީވެސް މިފަދަ ކުރިއެރުމެއް ހޯދި އެއް ސަބަބެވެ. އެގޮތުން އޮކްޓޯބަރުމަހަކީ ވޭތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި ޗައިނާގެ ކާރުޚާނާތަކުގެ މަސައްކަތް އެންމެ ބާރު ދުވެލީގައި ކުރި މަސްކަމަށް ސަރވޭތަކުން ދައްކައެވެ.
މިދިޔަ މަހު ޗައިނާގެ އެކްސްޕޯޓް 11.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، އިމްޕޯޓްގެ އަދަދު ވަނީ 4.7 އިންސައްތަ އިތުރުވެފައެވެ. މިއީ ސެޕްޓެމްބަރުމަހުގެ 13.2 އިންސައްތައިގެ ކުރިއެރުމަށްވުރެ 8.5 އިންސައްތަ ދަށް އަދަދެކެވެ. އެހެންނަމަވެސް، އިމްޕޯޓްގެ އަދަދު ދަށްނުވެ ހިފަހައްޓާލެވުމަކީ ޗައިނާގެ އިޤްތިޞާދުގެ ވަރުގަދަކަން ހާމަކޮށްދޭކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ޗައިނާއާއި ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު، މިކަމުގެ މާ ބޮޑު އަސަރެއް ޗައިނާއަށް ކުރާތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެގޮތުން ސެޕްޓެމްބަރުމަހު ދެ ޤައުމުގެ ދެމެދުގައި ހިނގި ވިޔަފާރީގެ މުޢާމަލާތްތައް 30.7 ބިލިއަން ޑޮލަރުގައި ހުރިއިރު މިއަދަދު އޮކްޓޯބަރުމަހު ވަނީ 31.37 ބިލިއަންއަށް އިތުރުވެފައެވެ.
އެމެރިކާގެ ފިއްތުންތަކުގެ އަސަރު ޗައިނާގެ އިޤްތިޞާދަށް ނުކުރި ނަމަވެސް، ޔޫރަޕްގެ ޤައުމުތައްކަމަށްވާ ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ކޯވިޑްގެ ކޭސްތައް ގިނަވެ ފުރަބަންދަކަށް ދިއުމުން ޗައިނާއަށް ބޮޑެތި މާކެޓްތަކެއް ގެއްލި، ގެއްލުމާއި ކުރިމަތިލާން ޖެހިދާނެކަމަށް ތަހުރިބާކާރުން ވަނީ ލަފާކޮށްފައެވެ.
ކޯވިޑްގެ އެންމެ ފުރަތަމަ ފެނި ބަންދުކުރަންޖެހުނު އިޤްތިޞާދުކަމުގައިވާ ޗައިނާގެ އިޤްތިޞާދަކީ ކޯވިޑްގެ ޙަލަތުން އަރައިގަތުމުގައިވެސް އެންމެ ކާމިޔާބު އިޤްތިޞާދެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ހަމައެކަނި ފައިދާގައި އަހަރު ނިންމާލާނެ ޤައުމަކީ ޗައިނާކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.