ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އެންމެ ފުރަތަމަ އުދުހޭ ކާރު އަންނަ އަހަރު މާކެޓަށް ނެރެނީ


ދުނިޔޭގެ އެންމެ ފުރަތަމަ އުދުހޭ ކާރު އަންނަ އަހަރު މާކެޓަށް ނެރޭނެކަން ހާމަކޮށްފިއެވެ.

ސްލޮވޭކިއާގެ ކާރުއުފައްދާ ކުންފުންޏަކުން އުފައްދާ މި ކާރަށް ހުއްދަ ދިނުމަށްޓަކައި ހަދަންޖެހޭ ޓެސްޓް ޓްރައިލްތައް މިހާރު ވަނީ ނިންމާލާފައެވެ.

ސްލޮވޭކިއާގެ ޒަމާނީ ކާރު އުފައްދާ ކުންފުނި ކްލެއިން ވިޝަންއިން އެ ކުންފުނީގެ "އެއަރ ކާ" އެންމެ ފުރަތަމަ ދައްކާލާފައި ވަނީ މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.

އާންމު ދިރިއުޅުުގައި ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި ކާރު މިއަހަރުގެ ތެރޭގައި މާކެޓަށް ނެރެން ކުރިން ތައްޔާރުވިނަމަވެސް، ކޯވިޑްގެ ސަބަބުން މި މަސައްކަތް ވަނީ މަޑުޖެހިލާފައެވެ. މި ކާރު އާންމުންނަށް ގަނެވޭގޮތަށް އަންނަ އަހަރުގެ ކުރީ ކޮޅު މާކެޓަށް ނެރޭނެކަމަށް ކްލެއިން ވިޝަންއިން ހާމަކުރެއެެވެ. އެގޮތުން މިކާރު ވިއްކާނީ ފަސްސަތޭކަ ހާސް ޔޫރޯއާއި ހަސަތޭކަ ތީރީސް ހާސް ޔޫރޯގެ އަގެއްގައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކްލެއިން ވިޝަންގެ "އެއަރ ކާ" މިއަހަރުގެ އޮކްޓޯބަރުމަހު އާންމުކޮށް ދައްކާލާފައިވާއިރު، މިކާރު އެންމެ ފުރަތަމަ ފެނުމުން ދެ ސީޓް ހުންނަ ރޭސް ކާރަކާއި މިކާރާއި މާބޮޑު ތަފާތެއް ނުފެނެއެވެ. އެެހެންނަމަވެސް، މިކާރުގެ ތަފާތު ފެނިގެންދަނީ ކާރު އުދުހުމަށް ތައްޔާރުވެ ވަރަގަނޑު ހުޅުވާލުމުންނެވެ. އެއްގަމުގައި ދުއްވުމަށްފަހު ވައިގެ އުދުހުމަށް ތައްޔާރުވުމާއެކު ކާރުގެ ދެ ފަރާތުން ކާރުގެ 3.3 މީޓަރުގެ ދެ ފިޔަ ބޭރަށް ނިކުމެއެވެ. އަދި ކާރުގެ ބެލެންސް ހިފެހެއްޓުމަށް ކާރުގެ ފަހަތުން ސްޓެބަލައިޒަރތައްވެސް އެޖަސްޓްވެލައެވެ.

މި ތައްޔާރީތަކަށް 3 މިނެޓުވެސް ހޭދަ ނުވާއިރު، މި މަންޒަރުން އަޅުގަނޑުމެން ކުޑައިރު ސިފަކުރި އުދުހޭ ކާރުތަކުގެ މަންޒަރު ސިފަވެގެންދެއެވެ. 1.6 ލީޓަރުގެ ޕެޓްރޯލްއަޅާ ހަ ސިލިޑްޑަރު އިންނަ މިކާރު ދުއްވަނީ 104 ކިލޯ ވޯޓްގެ ބީއެމްޑަބްލއު ކުންފުނީގެ ސައިކަލުގައި ބޭނުންކުރާ އިންޖީނަކުންނެވެ. ބަރުދަނުގައި އެގާރަސަތޭކަ ކިލޯ ހުންނަ މިކާރުގައި 200 ކިލޯގެ މުދާ އުފުލޭނެކަމަށް ކްލެއިން ވިޝަންއިން މަޢުލޫމާތުދެއެވެ. އަދި މެދުކެނޑުމެއްނެތި އެއްހާސް ކިލޯ މީޓަރުގެ ރާސްތާއެއް މި އުދުހޭކާރުގައި ކަޑައްތު ކުރެވޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

މިހާރު ތަރައްޤީކޮށްފައި ވަނީ "އެއަރ ކާ"ގެ ޕްރޮޓޮޓައިޕެއް ކަމަށްވާއިރު، އަންނަ އަހަރު ކާރު ވިޔަފާރިއަށް ނެރޭއިރު ކާރުގައި ޒަމާނީ އިތުރު ފީޗަރތައް ހުންނާނެކަމަށް ކްލެއިން ވިޝަންއިން މަޢުލޫމާތުދެއެވެ. އަދި ޕްރޮޓޮޓައިޕްގައި ހަރުކޮށްފައިވާ ބީއެމްޑަބްލިޔު އިންޖީނުގެ ބަދަލުގައި ކްލެއިން ވިޝަންގެ އިންޖީނެއް އުފައްދާ ބޭނުންކުރަން ރާވާފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ހާމައަށް އޮންނަ ތަންތަނުގައި އުދުއްސާލެވޭ މިކާރު ދުއްވުމަށް ޙާއްސަ ލައިސެންސެއް ނަގަންޖެހޭ އިރު، ބައެއް ޤައުމުތަކުން މިހާރުވެސް ދަނީ ފްލައިން ކާރުތަކާއި ޓެކްސީތައް ހުއްދަކުރުމަށް ޤާނޫނުތަކާއި ޤައިވާއިދުތައްވެސް ހަދަމުންނެވެ.

ޝިފާޢު

ލޭންޑިންގ އަދި ޓޭކް އޮފް އަށް މާބޮޑު ޖާގަ ބެނުންވާތީ ކަމަކު ނުދޭ