ދުނިޔޭގެ ވިޔަފާރި

ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ބޮޑުވެ ޗައިނާއިން އޮސްޓްރޭލިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި


ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމާއި ގުޅޭ ކޯޅުންގަނޑު ބޮޑުވެ ޗައިނާއިން އޮސްޓްރޭލިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

ޗައިނާއިން ވަނީ އެޤައުމަށް އޮސްޓްރޭލިއާއިން އިމްޕޯޓްކުރާ ބައެއް ބާވަތްތައް އިމްޕޯޓްކުރުން މަޑުޖައްސާލުމަށް ނިންމާފައެވެ.

ޗައިނާގެ އެގްރިކަލްޗަރަލް މިނިސްޓްރީން ވަނީ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުން ފެށިގެން އޮސްޓްރެލިއާއިން ލަކުޑީގެ ބައެއް ބާވަތްތަކާއި، ގޮދަން އެތެރެކުރުން ހުޓާލަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އޮސްޓްރޭލިއާގެ ކުންފުނިތަކުން ބައެއް ތަކެތި ނުއަގުގައި އިމްޕޯޓްކޮށް ވިއްކާކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޗައިނާއިން ވަނީ ނިންމާފައެވެ. އެގޮތުން ގެރި މަހާއި، ކޯލް އެތެރެ ކުރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

މީގެ އިތުރުން އޮސްޓްރޭލިއާއިން އެތެރެކުރަން އެދިފައިވާ 1.4 މިލިއަން ޑޮލަރުގެ ދިރޭ އިހީގެ ޝިޕްމަންޓެއް ހުއްޓުވާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޮސްޓްރޭލިއާގެ އިހީގެ އެންމެ ބޮޑު މާކެޓްކަމުގައިވާ ޗައިނާއިން އިހީގެ މި ޝިޕްމަންޓަށް ކްލިއަރެންސް ނުދިނުމުން މިކަމުގެ ހިތްހަމަނުޖެހުން އޮސްޓްރޭލިއާގެ އިހި އެކްސްޕޯޓްކުރާ ކުންފުނިތަކުން ދަނީ ފާޅުކުރަމުންނެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނީ މި ޝިޕްމަންޓަށް ޗައިނާގެ ކަސްޓަމްސްއިން ކްލިއަރެންސް ނުދިނީ ކޯވިޑްގެ ނުރައްކާ އޮސްޓްރޭލިއާގައި ބޮޑުވުމުންކަމަށް ބުނެފައެވެ. އަދި މި ޝިޕްމަންޓްގެ އިންސްޕެކްޝަންއެއް ކުރިއަށްގެންދިއުމަށްފަހު މި ޝިޕްމަންޓަށް ކްލިއަރެންސް ދޭނެކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި އިންސްޕެކްޝަން އަންނަ މަހުގެ ތެރޭގައި ނިމޭނެކަމަށް ބެލެވޭއިރު، އެއަށްވުރެ އަވަހަށް ވިޔަފާރި ފެށުމަށް މަޝްވަރާކުރަމުންދާކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ މިފަދަ މަޝްވަރާތަކެއް ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން އޮސްޓްރޭލިއާއިން ޗައިނާގެ ޝަރުތުތަކަށް އެއްބަސްވެއްޖެނަމަ މި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށް ޗައިނާ ސަރުކާރުން ހާމަވެއެވެ.