ދުނިޔޭގެ ވިޔަފާރި

އައިފޯން 12ގެ ވިޔަފާރި ދަށްވެ އެޕަލް ކުންފުނީގެ ހިއްސާގެ އަގު ދަށަށްގޮސްފި


އައިފޯން 12ގެ ވިޔަފާރި ދަށްވެ އެޕަލް ކުންފުނީގެ ހިއްސާގެ އަގު ދަށަށްގޮސްފިއެވެ.

މަޝްހޫރު ފޯނު އުފައްދާ ކުންފުނި އެޕަލްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 4 އިންސައްތަ ދަށަށް ގޮސްފައެވެ.

އެހެންނަމަވެސް އެޕަލް ކުންފުނީގެ ފިސްކަލްއަހަރުގެ ހަތަރު ވަނަ ކުއާޓާގެ ވިޔަފާރި ވަނީ ލަފާކޮށްފައިވާ މިންވަރަށްވުރެ އިތުރުވެފައެެވެ. އެގޮތުން ފިސްކަލް އަހަރުގެ ހަތަރު ވަނަ ކުއާޓާގެ އާމްދަނީ ވަނީ 64.7 ބިލިއަން ޑޮލަރަށް އަރާފައެެވެ. މިއީ ކުރިން ލަފާކުރި 63.5 ބިލިއަން ޑޮަލަރަށްވުރެ 1.2 ބިލިއަން އުތުރު އަދަދެކެވެ. އައިފޯން 12ގެ ވިޔަފާރި ކުރިން ލަފާކުރި ވަރަށްވުރެ 21 އިންސައްތަ އަޑިއަޅާލާފައިވާކަމަށް މި ރިޕޯޓުން ދައްކައެވެ.

އައިފޯން 12ގެ ވިޔަފާރި ދަށްވެފައިވަނީ، އައިފޯންގެ މައި މާކެޓްކަމުގައިވާ ޗައިނާއަށް އައު ފޯނުތައް އިމްޕޯޓްކުރުމުގައި ދިމާވި ދަތިކަމާއެކު ފޯނުތައް ނުގެންދެވުމުންކަމަށް އެޕަލްއިން ބުނެފައެވެ.

ފައިވް ޖީ ސަޕޯޓްކުރާ ފުރަތަމަ އައިފޯންއަކީ އައިފޯން 12 ކަމުގައިވާއިރު، ޗައިނާފަދަ ބޮޑު ބަޔަކަށް ފައިވް ޖީ ލިބޭ ބޮޑު ޤައުމެއްގައި ވިޔަފާރި ނުހިންގުމަކީ ކުންފުންޏަށް ލިބުނު ބޮޑު ގޮންޖެހުމެއްކަމަށް އެޕަލްއިން ވަނީ ސިފަކޮށްފައެވެ. އައިފޯން ފަދަ އިލެކްޓްރޯނިކް އާލާތްތައް ޗައިނާއަށް އެތެރެކުުރުމުގައި ދަތިތަކެއް ދިމާވެފައިމިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ބޯޑަރުތައް އެއްކޮށް ހުޅުވާނުލުމާއި ޗައިނާއާއި ވާދަވެރި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ކޯވިޑްގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި އިޤްތިޞާދީ ދަތިކަމުގެ ސަބަބުން އައު ފޯނުތައް ގަތުމުގައި ފަސްޖެހެމުން ދިއުމަކީވެސް އައިފޯން 12ގެ ވިޔަފާރި ދަށްވުމަށް މެދުވެރިވި ސަބަބެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އައިފޯން 12ގެ ވިޔަފާރި ދަށްވެފައިވާކަމަށް ހާމަކޮށްފައި މިވަނީ، އެ ފޯން ނެރުންތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އަދި އާންމުންގެ މެދުގައި މި ފޯނު ވަރަށް މަޤްބޫލުވަމުން އަންނަކަމަށް އެޕަލްއިންވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ. މި ފޯންގެ ކާމިޔާބީ ނުވަތަ ނާކާމިޔާބީ މިހާ އަވަހަށް ކަނޑަނޭޅޭނެކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެގޮތުން އައިފޯންގެ ކާމިޔާބީ ޔަޤީންކުރެވޭނީ 3 ވަރަކަށް މަސްދުވަސް ފަހުންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އައިފޯން 12ގެ ވިޔަފާރި ދަށްވެ އެޕަލް ކުންފުނީގެ ހިއްސާގެ އަގު ވެއްޓިފައި ވީނަމަވެސް، ކުންފުނީގެ ވިޔަފާރި ރަނގަޅުވެފައިވަނީ އެޕަލްގެ އެހެން އުފެއްދުންތައްކަމަށްވާ މެކް އާއި އެހެނިހެން ޚިދުމަތްތަކުގެ ވިޔަފާރި ރަނގަޅުވުމުގެ ސަބަބުންނެވެ.

މި ސަބަބަށްޓަކައި އެޕަލްއިން ދަނީ އެ ކުންފުނި އައިފޯންގެ ވިޔަފާރިއަށް ބަރޯސާވާ މިންވަރު ކުޑަކޮށް އެހެން އުފެއްދުންތައް މާކެޓްކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޕަލްގެ ވެއަރަބަލް ސީރީޒްގެ ދަށުން އެޕަލް ވޮޗްއާއި އެއރޕޮޑް ފަދަ އުފެއްދުންތައް ވިޔަފާރީގެ ދާއިރާއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން މިއަހަރުގެ ކުންފުނީގެ ރެވެނިއުއަށްވަނީ 7.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.