އެމެރިކާއިން ކުރިމަތިކުރަމުންދާ ފިއްތުންތަކާއެކު ޗައިނާގެ ވާވޭ ކުންފުންޏަށް ލިބޭ އާމްދަނީގެ ކުރިއެރުން މަޑުޖެހިއްޖެއެވެ.
ސްމާޓް ފޯން އުފައްދާ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވާވޭ ކުންފުންޏަކީ، މިފަހަކަށް އައިސް މިދާއިރާގައި އެންމެ ބާރަށް ކުރިއަރާ އަަހަަރަކަށްވުރެ އަހަރެއް ފައިދާވާ މިންވަރު އިތުރުކުރަމުންދާ ކުންފުންޏެވެކެވެ.
ސްމާޓްފޯނާއި ޓެލެކޮމް ނެޓްވޯކްގެ ބައިތައް ސަޕްލައިކުރާ ވާވޭ ކުންފުނިން އާންމުކުރި އެކުންފުނީގެ އެންމެ ފަހުގެ އާމްދަނީގެ ރިޕޯޓް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ އިން ފެށިގެން ސެޕްޓެމްބަރުމަހާއި ހަމައަށް ކުންފުންޏަށް ރެވެނިއުގެ ގޮތުގައި 100.7 ބިލިއަން ޑޮލަރު ވަނީ ލިބިފައެެވެ. މިއީ މިދިޔަ އަހަރު ރެވެނިއުގެ ގޮތުގައި ލިބުނު އަދަދަށްވުރެ 9.9 އިންސައްތަ އިތުރު އަދަދެކެވެ. އެހެންނަމަވެސް، މިއީ އެކުންފުނިން ފަހުގެ ތާރީޚެއްގައި ރެވެނިއުގެ ކުރިއެރުން އެންމެ ދަށަށް ދިޔަ އަހަރެވެ. އެގޮތުން 2019 ވަނަ އަހަރުގެ ރެވެނިއު ކުރިއެރުމާއި އަޅާބަލާއިރު 24 އިންސައްތަ ދަށް އަދަދެކެވެ. ވާވޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ކުންފުނީގެ ފައިދާވެސް ވަނީ އޭގެ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 0.7 އިންސައްތަ ދަށަށް ގޮސްފައެވެ.
ވާވޭގެ އާމްދަނީއާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ކުންފުނީގެ އާމްދަނީއަށް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަަސަރުކުރަމުންދާކަމަށް ބުނެފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެހެނިހެން ފަރާތްތަކުން ކުންފުންޏާއި ދެކޮޅަށް އަޅާފައިވާ ހަރުކަށި އަދި އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ވެފައިނުވާ ފިޔަވަޅުތަކަކީ ކުންފުންޏަށް މިހާލަތު މެދުވެރިވި ސަބަބެއްކަމަށް ވާވޭ އިން ބުނެއެވެ.
ވާވޭގެ ބަޔާނުގައި ފިއްތުންތައް ކުރިމަތިކުރަނީ ސީދާ ކޮންފަރާތެއްކަން ބުނެފައުނުވާއިރު، މިއީ އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިސްބަތްކޮށް ބުނެފައިވާ އެއްޗެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. ވާވޭއިން ވަނީ މި ދަތި ދަނޑިވަޅުގައިވެސް ހިތްވަރު އެލުވާނުލާ ކުންފުނި ފައިދާވާ އަދި ދާއިރާގެ އެންމެ ކުރީގައިވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.
ވާވޭއިން މިފަހަރުގެ ބަޔާނުގައި ސީދާގޮތެއްގައި އެމެރިކާއަށް ނިސްބަތްކޮށް ބަސް ބުނެފައިނުވާއިރު، އެކުންފުނީގެ އެންމެ ފަހުގެ ނެރުނު ވާވޭ މޭޓް ފޯޓީ ޕްރޯ ލޯންޗްކުރި ހަރަކާތުގެ ތެރެއިން ކުންފުނީގެ ސީއީއޯ ޔޫ ޗެންގްޑޯގް ވަނީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ކުންފުންޏަށް އަސަރުކުރަމުންދާކަމަށް ބުނެފައެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާ އެއް ކުންފުންޏަކީ ވާވޭއެވެ. އެގޮތުން އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޗައިނާގެ ވާވޭ ކުންފުންޏާއެކު އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގަން ބޭނުންނުވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޗައިނާގެ ވާވޭ ފަދަ ކުންފުނިތަކުން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރުމުން މި ކުންފުނިތަކުގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތައް ނުރައްކާވާކަމަށް ޑޮނަލްޑް ޓްރަމް ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ވާވޭއާއި ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވާއިރު، އެ ޤައުމަށް މަދަދުވެރިވާ އެހެނިހެން ޤައުމުތަކުންވެސް މިކަމުގައި ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ.
ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވާވޭގެ އާމްދަނީއަށް އަސަރުކޮށްފައިވާއިރު މިއަހަރުގެ ތިންވަނަ ކުއާޓާގައި ވާވޭ ފަހަތަށް ޖައްސާލުމަށް ފަހު ކޮރެޔާގެ ސެމްސަންގް އަނެއްކާވެސް ވަނީ ވިޔަފާރީގެ އެންމެ ކުރިއަށް ޖެހިލައިފައެވެ.