ދިވެހި ޒުވާނުންނަކީ އުފެއްދުންތެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށް މީގެ ކުރިން ދުވަހަކުވެސް މަސައްކަތްކޮށްފައިނުވާ މިންވަރަށް މިސަރުކާރުން މަސައްކަތްކޮށްފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިމާމު ސެޓިފިކެޓް އަދި ޑިޕްލޮމާ ކޯސް ފެށުމަށް އިސްލާމީ މަރުކަޒުގައި ޞޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި މިސަރުކާރުގެ ސިޔާސަތަކީ އެމީހަކު މަސައްކަތްކުރަން ޚިޔާރުކުރާ އަދި އެމީހަކު ބޭނުންވާ ކޮންމެ ދާއިރާއަކުން އެމީހަކަށް ކުރއިަށްދެވޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ޒުވާނުންނަކީ މަސައްކަތްތެރި، އުފެއްދުންތެރި އަދި ޤައުމަށް ބޭނުންތެރި، އަމިއްލަ ދިރިއުޅުމެއް ބިނާކޮށް އެހެން މީހުންނަށް ބަރޯސާވުން ކުޑަ ދިރިއުޅުމެއް އުލޭވޭ ބަޔަކަށް ހެދުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރު ފެށުމާއެކު މީގެ ކުރިން ދުވަހަކުވެސް މިދާއިރާއިން ނުކުރާހާ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަަމށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
ރައީސް މިސަރުކާރު ފެށުމާއެކު ދުވަހަކުވެސް ނުކުރެވޭ ގިނަ މަސައްކަތްތަކެއް ވަނީ ފަށްތަވާފައި.
"މިފަދަ ފުރުސަތުތައް ލިބޭހިނދު އެންމެ ހެޔޮ ބޭނުން، އެންމެ ހެޔޮ ފައިދާ ކުރަނިވިގޮަތަށް ބޭނުން ހިއްޕަވާށޭ. މިފެންނަނީ މިސަރުކާރުން، ޒުވާނުންގެ އަޚްލާގު ރަނގަޅުކުރުމަށް، ރައްޔިތުންގެ އުޅުން ރަނގަޅުކުރުމަށް، އަޅުގަނޑުމެންނަކީ މުސްލިމުންގެ ގޮތުގައި، އަދި ދީނާ ކައިރި ބައެއްގެ ގޮތުގައި ތިބެގެން މަސައްކަތްކުރެވޭތޯ." ނައިބުރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ރާއްޖޭގައި މިވަގުތު ހުރި މަދު ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންހިފާ ރަނގަޅު ނަތީޖާއެއް ހޯދުމަށް ޒުވާނުންނަށް އިލްތިމާސްކުރެއްވިއެވެ. އެގޮތުން އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހައިން ތަޢުލީމްގެ ފުރުޞަތު ލިބޭގޮތަށް ފަހިކުރުންޖެހޭކަމަށާއި، ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް ޒުވާނުންގެ ތެރޭގައިހުރި މައްސަލަތައް ހައްލުކުރުމުގެ އެންމެ އިސް ވާޖިބަކީ ތަޢުލީމް އުނގަންނައިދީ ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިމާމުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އެދިވަޑައިގެންފައެވެ.