ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރަމުންދިޔަ އައިފޯން 12 ދައްކާލާފައިވާއިރު، ސޯޝަލް މީޑިއާގެ ހުރިހާ ނިއުސް ފީޑެއްގައިވެސް ފެންނަމުންދަނީ މި އައު ފޯނުގެ ވާހަކަތަކާއި ޚަބަރުތަކެވެ. ކޯވިޑް-19ގެ ސަބަބުން އައިފޯން 12 ނެރެފައި މިވަނީ އާންމުކޮށް އައިފޯންތައް ނެރޭ ދުވަސްވަރަށް ވުރެ ލަހުންނެވެ. މި ސަބަބަށްޓަކައި މި ފޯނުގެ ފީޗަރސްތަކާއި ފޯނާއި ގުޅޭގޮތުން ގިނަ ޚަބަރުތަކެއް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ދެކެވިފައެވެ. އެގޮތުން އައިފޯނެއްގައި މުޅިން އަލަށް ފައިވްޖީ ނެޓްވޯކް ސަޕޯޓްކުރުމަކީ، މި ފޯނުގެ އެންމެ މުހިންމު ފީޗަރއެވެ. އައިފޯންގެ ކުރިން މި ޚިދުމަތް ވާވޭ އެލްޖީ އަދި މިނޫނަސް އިތުރު ފޯނު އުފައްދާ ކުންފުނިތަކުން ތަޢާރަފްކުރި ނަމަވެސް، ދުނިޔޭގެ ބޮޑު ބަޔަކަށް ފައިވް ޖީ ފޯރުކޮށްދީފައި ނުވުމަކީ މި ޓެކްނޮލޮޖީ އެންމެ ބާރު މިނެއްގައި މަޤުބޫލުވެގެންދާނެކަމަށް ނުބެލެވޭ އެއް ސަބަބެވެ.
އެޕަލްގެ ޚާއްސަ އޮންލައިން އިވެންޓްގައި އެޕަލްގެ އާ ފޯނުތައްކަމަށްވާ، އައިފޯން 12، އައިފޯނު 12މިނީ، އައިފޯނު 12ޕްރޯ، އައިފޯން 12މެކްސް ވަނީ ފުރަތަމަ ފަހަރަށް ދައްކާލާފައެވެ.
މިއީ އައިފޯނުތަކުގެ ތެރެއިން އެންމެ ބޮޑު ސްކްރީނެއް ހުންނާނެ އައިފޯނެވެ. އަދި ފޯނުގެ ރައްކާތެރިކަމަށް ސެރަމިކް ޝީލްޑް ފްރަންޓް ކަވަރއެއް ފޯނުގައިވެއެވެ. މިފޯނުގައިވާ އޭ ފޯޓީން ބަޔޯނިކް ޗިޕަކީ މިހާތަނަށް ސްމާޓް ފޯނެއްގައި ބޭނުންކުރާނެ އެންމެ ވަރުގަދަ ޗިޕެވެ. އައިފޯނު 12 ޕްރޯ މެކްސްގައި 6.7 އިންޗީގެ ޑިސްޕްލޭއެއް ހުރެއެވެ.
އައިފޯނު 12 ޕްރޯގައި ހުންނަނީ 6.1 އިންޗީގެ ޑިސްޕްލޭއެކެވެ. ފޯންގެ ޑިސްޕްލޭގެ ސައިޒް ފިޔަވާ އައިފޯނު 12 ޕްރޯއާއި އައިފޯން މެކްސް މި ދެ ފޯނުގެ ދެމެދުގައި މާބޮޑު ތަފާތެއް ނެތެވެ. އައިފޯނު 12 ޕްރޯ މޮޑެލްގެ ފޯނުތަކުގައި ހުންނާނީ ސްޓެއިންލެސް ސްޓީލް ޑިޒައިންގެ 4 ކުލައެއްގައެވެ.
އެޕަލް އައިފޯނު 12 އާއި އައިފޯނު 12 މިނީއަށް ބަލާލައިރު، އައިފޯނު 12 އަކީ 6.1 އިންޗީގެ ފޯނެކެވެ. އަދި އައިފޯނު 12 މިނީއަކީ 5.4 އިންޗީގެ ފޯނެވެ. މީގެެތެރެއިން އައިފޯނު 12 މިނީއަކީ މިހާތަނަށް ނެރޭ އެންމެ ތުނި، އެންމެ ލުއި އަދި އެންމެ ކުޑަ ފައިވްޖީ ސްމާޓްފޯނެވެ. އައިފޯން 12 5 ކުލައެއްގައި ލިބެން ހުރި އިރު، މި ފޯން ލިބެން ހުންނާނީ ހުދާ ކަޅާއި، ރަތް ކުލަ ފެހި އަދި ނޫކުލާގައެެވެ.
އައިފޯން 12 ގެ އައު ސީރީޒްގައި ގިނަ އައު ފީޗަރސްތަކެއް ހުރިއިރު، އައިފޯން އެކަމަކަށް މަޝްހޫރު ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމުގައި އަނެއްކާވެސް މި ކުންފުނިން މިވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ފަހުގެ އައިފޯންތަކޭ އެއްގޮތަށް އަލްޓްރާ ވައިޑް ކެމެރާއާއި ސެލްފީ ކެމެރާ މި ފޯނުތަކުގައި ހުރިއިރު އިމޭޖް ސެންސަރގެ ބާރު 47 އިންސަތަ ބޮޑުކޮށް އަނދިރި ތަންތަނުގައި ކުރިއަށްވުރެ 2 ގުނަ ސާފުކޮށް ފޮޓޯނެގޭނެކަމަށް އެ ކުންފުނިން ވުނެއެެވެ.
މީގެ އިތުރުން އައު އައިފޯންގެ ލައިޓް ސްކޭނަރއިން ނައިޓް މޯޑްގެ ފޮޓޯތައް އޮގްމެންޓެޑް ރިއެލިޓީ ބޭނުންކޮށްގެން އިތުރު ފުރިހަމަކަމެއް ގެނައުމަށް މަގުފަހިކޮށްދޭއިރު، މިއީ މިފަދަ ފީޗަރއެއް ތަޢާރަފްކުރާ ފުރަތަމަ ފަހަރެވެ. މި ފޯން ސީރީޒް ތަފާތު ކޮށްދޭ އަނެއް ފީޗަރއަކީ ފޯނުގެ ފަހަތުގައިވާ މެގް ސޭފް ފީޗައެވެ. ފޯނުގެ ފަހަތުގައިވާ ދަގައްފާނުގެ މި ލޭޔަރގެ ސަބަބުން ވަޔަލެސް ޗާޖިންއާއި އިތުރު އެކްސަސަރީޒްސް ފޯނުގައި ހަރުކުުރުމަށް ފަސޭހަވެއެވެ.
އައިފޯން ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އައިފޯން 12 އާއެކު ހެޑް ފޯނެއްވެސް އަދި ޗާޖިންގް އެޑަޕްޓަރއެއްވެސް ނުލިބޭނެކަން ހާމަކޮށްފައެވެ. މި ފިޔަވަޅަކީ، ގިނަ ބަޔަކު ހައިރާން ކުރުވިކަމަކަށް ވީނަމަވެސް، މި ފިޔަަވަޅަކީ ކުންފުނިން އުފައްދާ ބޭކާރު ޕްލާސްޓިކް މަދުކުރުމަށް އެޅި ފިޔަވަޅެއްކަމަށް އެޕަލްއިން ބުނެއެވެ. އެގޮތުން އަހަރެއްގެ މައްޗަށް 2 މިލިއަން އެޑަޕްޓަރ އެޕަލްއިން އުފައްދާއިރު އައު ފޯން ސީރީޒްއަށް ކުރީގެ އެޑަޕްޓަރތައް ސަޕޯޓްކުރުމަކީ މި ފިޔަވަޅު އެޅި ސަބަބެއްކަމަށް އެކުންފުނިން ބުނެއެވެ. އަދި އެޑަޕްޓަރާއި ހެޑް ފޯން ނެގުމުން އައިފޯންގެ ޕެކް ލުއިވެގެންދާނެއެެވެ.
އައިފޯންގެ އުފެއްދުންތައް ދައްކާލުމަށް ބޭއްވި މި އިވެންޓްގައި ފޯނުތަކުގެ އިތުރުން އެޕަލްއިން ވަނީ ހޯމްޕޮޑް މިނީ ނަމަކަށް ކިޔާ ސްމާޓް ސްޕީކަރއެއްވެސް ލޯންޗުކޮށްފައެވެ. އެކުއިސްޓިކް ޓެކްނޮލޮޖީ ސަޕޯޓްކުރާ މި ސްޕީކަރގެ ވަށައިގެން އަޑު އަންނައިރު، މިކަމުގެ ސަބަބުން މި ސްޕީކަރުގެ ސައުންޑް ކޮލިޓީ އިތުރަށް ފުރިހަމަކޮށްދެއެވެ. އެޕްލްގެ މި ހޯމްޕޮޑް އެޕަލްގެ އެހެން އުފެއްދުންތަކާއި ފަސޭހައިން ޕެއަރ ކޮށްލެވޭއިރު މި ހޯމްޕޮޑް އަގަކީ 99 ޑޮލަރެެވެ.