ވިޔަފާރި

ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް "ޕްރިވެލެޖްޑް ކާޑު" ތަޢާރަފްކޮށްފި


ވިޔަފާރިތަކާއި ފަތުރުވެރިންނަށް ޚާއްސަ "ޕްރިވެލެޖްޑް ކާޑު" ތަޢާރަފްކޮށްފިއެވެ.

ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް އެހީވުމަށް ތަޢާރަފްކުރި މި ކާޑު މިހާރު އޮންލައިންކޮށް އޯޑަރ ކުރެވޭނެކަމަށް ޕްރިވެލެޖްޑް ޑޮޓް އެމްވީއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން "ޕްރިވިލޭޖްޑްއެމްވީ"ގެ ޕީއާރު އެންޑް މަރކެޓިން މެނޭޖަރ ފާތުމަތު ހަމްދާ މުހައްމަދު ވިދާޅުވީ، މި ޕްލެޓްފޯމްގައި އިސްކަމެއް ދެވެނީ 3 ބަޔަކަށްކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވެންޑަރސް ނުވަތަ ވިޔަފާރިތަކުގެ ވެރިން، ރާއްޖޭގެ ލޯކަލްސް/އެކްސްޕެޓުން، އަދި ފަތުރުވެރިންނެވެ.

ޕްރިވިލެޖްޑް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މި ވެބްސައިޓް މެދުވެރިކޮށް ތަފާތު ގިނަ ކެޓަގަރީތަކުން ވިޔަފާރި ކުރެވޭނެއެވެ. މީގެ ތެރޭގައި ގެސްޓްހައުސް، އެކްސްކާޝަން، ރެސްޓޯރަންޓް، ސެލޫން އަދިވެސް ގިނަ ކެޓަގަރީތަކެއް ހިމަނާލެވޭނެއެވެ.

"ޕްރިވިލޭޖްޑް ވެބްސައިޓަށް އޮންބޯރޑް ވާ ވެންޑަރުންގެ ފަރާތުން ޚާއްސަ ޑިސްކައުންޓްތަކާއި އޮފާތައް ލިބޭނީ ހަމައެކަނި ޕްރިވިލެޖްޑް މެމްބަރޝިޕް ކާރޑެއް އޮންނަ ޕްރިވިލެޖްޑް މެމްބަރުންނަށް އެކަނި. ޕްރިވިލެޖްޑް މެމްބަރުންނަށް އަހަރެމެންގެ ސާރވިސަސް ލިބޭ ކޮންމެތާކުން އެވަރޭޖް ގޮތެއްގައި %25 އަށްވުރެ ދަށް ނުވާ ހެން ޑިސްކައުންޓް ލިބޭނެ. މިސާލަކަށް ވެބަސައިޓުން ނުބަލާ އެ ފިހާރައަކަށް ނުވަތަ އައުޓްލެޓަކަށް ގޮސް، ދެން އެއީ ޕްރިވިލެޖްޑް ސާރވިސަސް ދޭ ތަނެއްކަން އިނގޭނެ ދޮރުގަ އިންނަ އަޅުގަނޑުމެންގެ ސްޓިކާރޑް ލޯގޯއިން" ހަމްދާ ވިދާޅުވިއެވެ.

ޕްރިވިލެޖްޑް ކަސްޓަމަރުން ފިހާރައަށް ވަދެ، ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ހިދުމަތް ލިބޭނެއެވެ. ހަމްދާ ވަނީ މި ކާޑު ދޫކުރަން ފެށުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޕްރިވިލެޖްޑް ކައުންޓަރެއް ބަހައްޓާނެ ކަމަށް ވިދާޅުވެފައެވެ.

ޕްރިވިލެޖްޑް ކުންފުނިން ވަނީ މި ކާޑު ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާގައި ޚާއްސަ ކެމްޕޭނެއް ފަށާފައެވެ. އެގޮތުން ލަވަކިޔުމާއި، ފިލްމްކުޅުމާއި، ފޮޓޯނެގުމާއި ޕްރެޒެންޓަރުން އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ އިންސްޓަގްރާމް އެކައުންޓުން މި ކާޑު ވަނީ ޕްރޮމޯޓްކޮށްފައެވެ.

"ޕްރިވިލޭޖްޑްއެމްވީ" ވެބްސައިޓް ލޯންޗްކުރުމާއެކު ލިމިޓަޑް ވީއައިޕީ ގޯލްޑް ކާރޑް އެޑިޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރިވިލެޖްޑް އެމްވީއިން ވަނީ އެހެން ގައުމުތަކުގައިވެސް މި ކާޑު ޕްރޮމޯޓްކުރުމަށް ހަރަކާތްތައް ހިންގަން ނިންމާފައެވެ.