ޚަބަރު

ކޯވިޑް-19ގެ މިހާރުގެ ޙާލަތުން އަރައިގަނެ ލުއިތައް ދިނުމަށް މަޝްވަރާކޮށްފި


ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތުން އަރައިގަނެ ބައެއް ލުއިތައް ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީ (އެޗް.އީ.ސީ.ސީ) ގެ ބައްދަލުވުމުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކޯވިޑް-19 ގެ މިހާރުގެ ހާލަތާއި ގުޅޭ ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމާތު ކޮމިޓީގެ މެންބަރުން ވަނީ ޙިއްޞާ ކުރެއްވިއެވެ. އަދި، މަސައްކަތްތައް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ފާހަގަކޮށްލެވޭ ކަންކަމާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވެވި ކަންތައްތަކުގައި ކުރިއަށްދާނެ ގޮތުގެ އިރުޝާދު ދެއްވާފައެވެ.

މީގެ ތެރޭގައި ވިޔަފާރިތައް އިންސްޕެކްޓްކުރުމާއި، ބޭނުންވާ ބައެއް ވަޞީލަތްތައް ހޯދުމުގެ އިތުރުން މިހާރުގެ ހާލަތުން އަރައިގަތުމަށް ބައެއް ލުއިތައް ދިނުމުގައި، އަދި އަލުން ފަތުރުވެރިކަން ހުޅުވާލައިގެން ކުރިއަށް ދިޔުމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ މި ހާލަތަކީ މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް އިހުސާސްވެގެން ދިޔަ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ވެސް ތަޢުލީމު ކުރިއަރުވައި މީހުން ބިނާކުރުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ މަނިކުފާނު ވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ބޭފުޅުންނާއި އެ މަނިކުފާނު އަމިއްލަ ނަންފުޅުގައި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.