ދުނިޔޭގެ ވިޔަފާރި

ޤަތަރު އެއަރވޭސްއަށް ލިބުނު ގެއްލުން ފޫބައްދައިދިނުމަށް ސަރުކާރުން 1.95 ބިލިއަން ޑޮލަރު


ކޯވިޑް-19ގެ ސަބަބުން ޤަތަރު އެއަރވޭސްއަށް ލިބުނު ގެއްލުން ފޫބައްދައިދިނުމަށް ޤަތަރު ސަރުކާރުން 1.95 ބިލިއަން ޑޮލަރު ދީފިއެވެ.

ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ދަތުރުފަތުރު މަޑުޖެހުމުން ޤަތަރު އެއަރވޭސްއަށް ވަނީ 1.9 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ.

ކޮރޯނާ ވައިރަހުގެ އިތުރުންވެސް ޤަތަރު އެއަރވޭސްއަށް މިފަހަކަށް އައިސްވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ޤަތަރާއި ދެކޮޅަށް ސައުދީ އަރަބިއްޔާއާއި، ޔޫއޭއީ، ބަހްރެއިން އަދި މިޞްރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުންވެސް އެ އެއަރލައިންއަށް ދަނީ ގެއްލުންވަމުންނެވެ. މީގެ އިތުރުން ޤަތަރު އެއަރވެއިސްގެ 49 އިންސައްތަ ހިއްސާ އޮންނަ އެއަރ އިޓަލީ މިއަހަރުގެ ފެބްރުއަރީމަހު ބަނގުރޫޓުވުމުގެ ސަބަބުންވެސް އެ އަރލައިންއަށް ވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިވެފައެވެ.

ޤަތަރު އެއަރވޭސްއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޤަތަރު ސަރުކާރުން އެއަރލައިންއަށް ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރުގެ އެހީއެއް ވަނީ ފޯރުކޮށްދީފައެވެ. އަދި ޤަތަރު އެއަރލައިނުން ދަނީ އެއަރލައިންގެ ގެއްލުން ކުޑަކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ޤަތަރު އެއަރވޭސްގެ ސީއީއޯ އަކްބަރު އަލް ބަކަރ ވިދާޅުވީ ގެއްލުން ކުޑަކުރުމަށް އައު މަތިންދާ ބޯޓުގަތުން މަޑުޖައްސާލާނެކަމަށެވެ. އަދި ފަސިންޖަރުން އުފުލާ އެންމެ ބޮޑު މަތިންދާ ބޯޓުކަމުގައިވާ އޭތްރީ އެއިޓް ޒީރޯ މަތިންދާ ބޯޓު ޤަތަރު އެއަރވޭސްގެ އޮޕަރޭޝަންގައި މިވަގުތު ބޭނުން ނުކުރާނެކަމަށްވެސް އަކްބަރު ވިދާޅުވިއެވެ. މި ނިންމުން ނިންމީ މިދުވަސްވަރަކީ ދަތުރުފަތުކުރުން މަދު އަދި ދަތުރުކުރުމުގައި އެކަށައަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުންފުންޏަށްވާ ގެއްލުން ކުޑަކުރުމަށްޓަކައިކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވާ އެއް ދާއިރާއަކީ އޭވިއޭޝަން ދާއިރާއެވެ. އެހެންނަމަވެސް، ކޯވިޑްގެ ހާލަތުން އަރައިގަނެ އައު އާންމު ހާލަތުގައި ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމުން އެއަރލައިންތަކުން ވަނީ އަނެއްކާވެސް އޮޕަރޭޓްކުރަން ފަށާފައެވެ. އެގޮތުން ޤަތަރު އެއަރވެއިސްއިންވެސް މިހާރު ދަނީ ދުނިޔޭގެ 90 މަންޒިލަކަށް ސީދާ ދަތުރުކުރަމުންނެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ޤަތަރު އެއަރވެސްއިން ދިޔައީ ދުނިޔޭގެ 160 މަންޒިލަކަށް ސީދާ ދަތުރުކުރަމުންނެވެ.