ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ އިޤްތިޞާދު އަލުން ކުރިއަރާނީ ސިއްހީ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުވުމުން


އެމެރިކާގެ އިޤްތިޞާދު އަލުން ކުރިއަރަން ފަށާނީ ކޯވިޑް-19އިން ރައްކާތެރިވިކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ޔަޤީންވުމުންކަމަށް އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޗެއަރމަން ޖެރޯމް ޕަވެލް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެންޓްރަލް ބޭންގެ ވެރިޔާ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމުގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ކޯވިޑްގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ވިދާޅުވަފައެވެ. އެގޮތުން މި ބަލިމަޑުކަމާއެކު ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެ އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާކަން ޕަވެލް ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމުގެ ސަބަބުން ޤައުމުގެ ޖީޑީޕީ އެތައް ގުނައެއް ދަށަށްގޮސް، ޤައުމުގެ އިޤްތިޞާދުވެސް އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޗެއަރމަން ޖެރޯމް ޕަވެލް އަދި ޓްރެޒަރީ ސެކެޓްރީ ސްޓީވެން މުންޗެން މިއަދުން ފެށިގެން ތިން ދުވަހަށް ދެމިގެންދާގޮތަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ އެ ޤައުމުގެ އިޤްތިޞާދާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދައްކާ ބައެއް ވާހަކަތައް އެމެރިކާގެ މީޑިއާތަކުން ހާމަކޮށްފައިވާއިރު، މި ބައްދަލުވުމުގައި އެމެރިކާގެ އިޤްތިޞާދު ރަނގަޅުކުރުމަށް ކުރެވޭނެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމިޓީ ބައްދަލުވުންތަކުގައި މި ޙާލަތުން އަރައިގަތުމަށްޓަކައި އެމެރިކާގެ ސެންޓްރަލް ބޭންކުން ޑޮލަރުގެ ލިކުއުޑިޓީ ހިފެހެއްޓުމަށާއި، އިޤްތިޞާދީ ގެއްލުން ކުޑަކުރަން ދޫކުރި ފައިސާއާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރާނެއެވެ.

ކޯވިޑް-19ގެ ސަބަބުން ހީނަރުވަމުންދާ އެމެރިކާގެ އިޤްތިސާދު ކޮޅަށް ނެގުމަށް 2.2 ޓްރިލިއަން ޑޮލަރުގެ ކެއަރ އެކްޓް ނުވަތަ ޤާނޫނެއް މިއަހަރުގެ މާރޗްމަހު ވަނީ ފާސްކޮށްފައެވެ. މި ޤާނޫނުގެ ދަށުން ވަޒީފާ ގެއްލިފައިވާ މީހުންނަށް އެހީވުމަށް ލޯނާއި ގްރާންޓް ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.