ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގެ ބިލިޔަނަރުންގެ މުއްސަނދިކަން 29 އިންސައްތަ އިތުރުވެފައިވާކަމަށް އެ ޤައުމުގެ އިޤްދިޞާދު ދިރާސާކުރާ ތަޖުރިބާކާރުން ތައްޔާރުކުރި ރިޕޯޓަކުން ދައްކައިފިއެވެ.
އެމެރިކާގެ އިޤްދިޞާދު ދިރާސާކުރާ ތަޖުރިބާކާރުންގެ ޓީމެއްކަމަށްވާ، ދަ އިންސްޓިޓިއުޓް ފޯރ ޕޮލިސީ ސްޓަޑީސްއިން ތައްޔާރުކުރި ރިޕޯޓްގައި ވަނީ އެ ޤައުމުގައި ބިލިއަނަރުގެ ގޮތުގައި ލިސްޓްކޮށްފައިވާ 643 ބިލިއަނަރުންގެ މުއްސަނދިކަން ދިރާސާކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގެ ބިލިޔަނަރުންގެ މުއްސަނދިކަން އެވްރެޖްކޮށް 29 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން 18 މާޗުން ފެށިގެން މިފަރާތްތަކުގެ މިލްކިއްޔާތަށް 845 ބިލިއަން ޑޮލަރު އިތުރުވެފައިވާކަމަށް މި ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ. މި ރިޕޯޓްގައި ވަނީ މި މުއްދަތުގައި ބިލިއަނަރުންގެ ޖުމްލަ މުއްސަނދިކަން 2.95 ޓްރިލިއަނުން 3.8 ޓްރިލިއަނަށް އިތުރުވެފައިވާކަމަށް ބުނެފައެވެ. މިއީ މަހެއްގެ މައްޗަށް 141 ބިލިއަން ޑޮލަރެވެ. އަދި ދުވާލަކަށް 4.7 ބިލިއަން ޑޮލަރެވެ.
އިންސްޓިޓިއުޓް ފޯރ ޕޮލިސީ ސްޓަޑީސްގެ ރިޕޯޓްގައި ވަނީ އެމެރިކާގެ ވަކިވަކި ބިލިއަނަރުންގެ މުއްސަނިދކަމަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މިހާގެ ގޮތުގައި މިހާރު ހުރި އެމަޒޯންގެ ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް ޖެފް ބެޒޮސްވެގެން ގޮސްފައިވަނީ މި ބަލިމަޑުކަމުގެ ތެރޭގައި މުއްސަނދިކަން އެންމެ ބޮޑަށް އިތުރުވި މީހާއަށެވެ. ފޯބްސްއިން އާންމުކޮށްފައިވާ ގޮތުގައި މި ބަލިމަޑުކަމުގެ ކުރިން މިއަހަރުގެ ކުރީކޮޅު ޖެފް ބެޒޮސްގެ މިލްކިއްޔާތުގައި 73.2 ބިލިއަން ޑޮލަރު ހުރިއިރު، މިހާރު އޭނާގެ މިލްކިޔާތު ވަނީ 186.2 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. ޖެފް ބެޒޮސްގެ މުއްސަނދިކަން އިތުރުވެފައިވަނީ މި ދުވަސްތަކުގެ ތެރޭގައި އެމެޒޯންގެ ހިއްސާގެ އަގު މަތިވުމާއި، މި ދުވަސްވަރާއި ގުޅިގެން އޮންލައިން ވިޔަފާރިއާއި ޑެލިވަރީގެ ނިޒާމުގެ މަޤުބޫލުކަން އިތުރުވުމާއި ގުޅިގެނެވެ.
ޖެފް ބެޒޮސްގެ އިތުރުން މަޝްހޫރު ޓެސްލާ ކުންފުނީގެ ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް އެލަން މަސްކްއަކީވެސް މި ޙާލަތުގައި މުއްސަނދިކަން އިތުރުވި ބިލިއަނަރެކެވެ. އެގޮތުން އޭނާގެ މުއްސަނދިކަން 274 އިންސައްތައިން އިތުރުވެ އޭނާގެ މިލްކިއްޔާތަށް 92 ބިލިއަން ޑޮލަރު ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ފޭސްބުކްގެ ފައުންޑަރ މާކް ޒަކަރބަރގްގެ މުއްސަނދިކަން 84 އިންސައްތަ އިތުރުވެފައިވާއިރު އޭނާގެ މިލްކިއްޔާތު 45.9 ބިލިއަން ޑޮލަރުން 100.6 ބިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.
އެމެރިކާގެ މަޝްހޫރު ބިލިއަނަރ ބިލް ގޭޓްސްއަކީ ކޯވިޑްގެ ސަބަބުން ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް މާލީގޮތުން އެހީވަމުންދާ ފަރާތެކެވެ. އެގޮތުން އޭނާދަނީ އެކި ފަރާތްތަކަށް މިބަލިމަޑުކަމުން އަރައިގަތުމަށް މިލިއަނުން ޚަރަދުކުރަމުންނެވެ. އިންސްޓިޓިއުޓް ފޯރ ޕޮލިސީ ސްޓަޑީސްގެ ރިޕޯޓުން ދައްކާގޮތުން މި މުއްދަތުގައި ބިލް ގޭޓްސްގެ މުއްސަނދިކަން ވަނީ 19 އިންސައްތަ އިތުރުވެފައެވެ. އެއާއެކު އޭނާގެ މިލްކިއްޔާތަށް 116 ބިލިއަން ޑޮލަރު ވަނީ އިތުރުވެފައެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގެ ބިލިޔަނަރުންގެ މުއްސަނދިކަން އިތުރުވުމާއި ގުޅިގެން، މި ޙާލަތުގައި ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ބިލިއަނަރުންގެ އަތުން ނަގާ ޓެކްސް އިތުރުކުރުމަށް އިދިކޮޅު ޑިމޮކްރެޓް ޕާޓީން ވަނީ ހުށަހަޅާފައެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ދެ ސެނެޓަރުންކަމުގައިވާ ބާރނީ ސެންޑާސްއާއި އިލްހާން އޮމަރ ވަނީ މިކަން ތަންފީޒުކުރުމަށް "މޭކް ބިލިއަނަރސް ޕޭ އެކްޓް"ގެ ނަމުގައި ބިލެއް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއަށް ހުށަހަޅާފައެވެ. މި ބިލްގައި ވަނީ 18 މާރޗުން ފެށިގެން މި އަހަރުގެ ނިޔަލަށް ބިލިއަނަރުންނަށް ލިބުނު އާމްދަނީގެ ފައިދާގެ 60 އިންސައްތަ ޓެކްސްގެ ގޮތުގައި ދެއްކުމަށް ވަނީ ހުށަހަޅާފައެވެ. ސެންޑަރސްމެންގެ މި ބިލް ފާސްވުމުން ޖެފް ބެޒޮސްއަށް ޓެކްސްގެ ގޮތުގައި 42.8 ބިލިއަން ޑޮލަރ ދައްކަން ޖެހޭއިރު، އެލަން މަސްކްއަށް 27.5 ބިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ދައްކަންޖެހެއެވެ.