ދުނިޔޭގެ ވިޔަފާރި

ސައުދީން ފަތުރުވެރިކަމަށް 810 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ


ސަޢުދި އަރަބިއްޔާގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރިއަށް އޮތް 10 އަހަރަށް 810 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާކަމަށް އެ ޤައުމުގެ ޚަބަރުތައް ބުނެފިއެވެ.

މި އިންވެސްޓްމެންޓްތަކުގެ ސަބަބުން ސައުދިއަރަބިއްޔާ ތެލަށް ބަރޯސާ މިންވަރު ބޮޑުތަން ކުޑަވެ، ފަތުރުވެރިކަމުގެ ދާއިރާއިން މެދުއިރުމަތީގެ މަޤުބޫލު މަންޒިލަކަށް ސައުދީ އަރަބިއްޔާ ވެގެންދާނެއެވެ.

މި މަސައްކަތަކީ، ސައުދީ ސަރުކާރުން އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން އެ ޤައުމުގެ އިޤްތިޞާދުގެ މިސްރާބު ބަދަލުކުރުމަށް ކުރާ މަސައްކަތެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ސައުދީ މީޑިއާއަކުން ދާދިފަހުން ވަނީ ސައުދީ ވަލީއަޙުދުގެ ބެއްލެވުމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ބިޔަ މަޝްރޫޢުތަކެއް ކުރިއަށްއޮތް ދުވަސްތަކުގައި އިއުލާންކުރަން ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. ވިޝަން 2030ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަށް ކުރިއަށް އޮތް 10 އަހަރަށް 810 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ 2.97 ޓްރިލިއަން ދިރްޙަމް ޚަރަދުކުރަން ވަނީ ނިންމާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑްކަމުގައިވާ، ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރޫޢުތަކުގެ މަސައްކަތް ސައުދީގެ ބޮޑު ސަރަހައްދެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ސައުދީގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ސައުދީގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މި އިންވެސްޓްމަންޓުން ކުރިއަށްގެންދާ ބައެއް ޕްރޮޖެކްތަކުގެ ތަފްސީލްވެސް ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ޚަރަދެއްކޮށް އެންމެ ބިޔަ މަޝްރޫޢެއްގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވަނީ ނިއޯމްގައި ކުރިއަށްގެންދާ ސޯލާ ޑޯމް ހަކަތައިގެ ޕްރޮޖެކްޓަށެވެ. 500 ބިލިއަން ޑޮލަރު އިންވެސްޓްކުރާ މި ޕްރޮޖްކްޓްގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓަށް ގެއްލުން ކުޑަވާގޮތަށް ހަކަތަ އުފައްދާ ފުއިޗަރިސްޓިކް ސިޓީއެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

ސޯލާ ޑޯމް ހަކަތައިގެ ޕްރޮޖެކްޓްގެ އިތުރުން 2019 ވަނަ އަހަރު މަސައްކަތް ފަށާފައިވާ ޤިދިއްޔާ ޕްރޮޖެކްޓަށް 10 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮޖްކްޓަކީ ވެރިރަށް ރިޔާދްގެ 334 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ކުރިއަށްގެންދާ މަޝްރޫޢަކަށްވާއިރު، މި މަޝްރޫޢުގެ ދަށުން ރިޔާދްގައި ފުއިޗަރިސްޓިކް ރިސޯޓްތަކާއި، ޕާކްތައް އަދި ސިޓީ ސެންޓަރތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

ސައުދީން ފަށާ ޕްރޮޖެކްތަކުގެ ތެރޭގައި އަމާލާ ޕްރޮޖެކްޓްގެ ނަމުގައި މެޑިކަލް ޓުއަރިޒަމް ނުވަތަ ވެލްނެސް ޓުއަރިޒަމް ކޮންސެޕްޓްގައި ތަރައްޤީކުރާ ޕްރޮޖެކްޓަކީވެސް ފާހަގަކޮށްލެވޭ މަޝްރޫޢުއެކެވެ. މިއީ މި ސަރަހައްދުގައިވެސް މިފަދަ ފަތުރުވެރިކަމަކަށް ހުޅުވާލާ ފުރަތަމަ ސަރަހައްދުކަމަށްވެފައި، މި މަންޒިލަކީ ފުރިހަމަ ތަނަކަށް ހެދުމަށްޓަކައި ސައުދީއިން ދަނީ މި ތަނުގައި މަސައްކަތްކުރާނެ ތަޖުރިބާކާރުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ.

ސަޢުދީގެ ބިޔަ ޕްލޭންގައި އެ ޤައުމުގެ ތާރީޚާއި ތަރިކަ އަދި އާސާރު ހިމާޔަތްކޮށް ފަތުރުވެރިންގެ މަޤުބޫލު މަންޒިލަކަށް ހެދުމަށް ވަނީ ނިންމާފައެވެ. މިކަމަށް 1.3 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މި އިންވެސްޓްމެންޓްގެ ދަށުން ޤައުމުގެ އެކި ސަރަހައްދުތަކުގައި ދާރުލް އާސާރުތަކާއި، ފަތުރުވެރިން ޒިޔާރަތްކުރާ މަރުކަޒުތައް ހެދުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓްތައް 2030އަށް ނިންމާލެވޭއިރު، މިކަމުގެ ސަބަބުން ސައުދީގެ އިތުރުން ސަރަހައްދީ ފަތުރުވެރިކަމަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސައުދީ ފަތުރުވެރިކަމުގެ އިދާރާއިން ޤަބޫލުކުރެއެވެ. އެ ވުޒާރާއިން ވަނީ މި ޕްރޮޖްކްޓްތައް އެންމެ އެކަށޭނެ ގޮތެއްގައި ފަށައިގަނެވޭނީ ކޯވިޑްގެ ނުރައްކާ ކުޑަވުމުންކަމަށް ބުނެފައެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން މަސައްކަތް އެއްކޮށް މަޑުޖައްސާލާފައިނުވާކަމަށާއި އެގޮތުން ބައެއް ޕްރޮޖްކްޓްތައް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް ބައެއް ޓެކްނިކަލް މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ސައުދީގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސައުދީން މަސައްކަތްކުރަމުންދާއިރު، އެ ޤައުމުން ވަނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން ހައްޖާއި އުމްރާގެ އަޅުކަމަށް ސައުދީއަށް ފަތުރުވެރިން އަންނަ އައުމުގެ ބަދަލުގައި އިތުރު ގޮތްތަކުން ފަތުރުވެރިން އެ ޤައުމަށް ގެނައުމުގެ ކާމިޔާބު މަސައްކަތްތަކެއް ވޭތުވެ ދިޔަ އަހަރުތަކުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.