ވިޔަފާރި

ބާޒާރުން ބަޓަރު ލިބުމުގައި ދަތިތަކެއް!


ކޭކާއި، އެހެނިހެން ޕޭސްޓްރީ އުފެއްދުންތައް ބޭނުންކުރުމަށް ތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރާ ބަޓަރު ލިބުމުގައި ދަތިތަކާއި ކުރިމަތިވެއްޖެއެވެ.

މާލޭގެ ގިނަ ފިހާރަތަކުން ބަޓަރު ހުސްވެ، މިކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. ނަމަވެސް ބާޒާރުގައި ބަޓަރު ލިބުމުގައި ދިމާވެފައިވާ ދަތިތައް މިހާރު ކޮންމެސް ވަރަކަށް ހައްލުކުރެވިފައިވާކަމަށް ރާއްޖެއަށް ބަޓަރު އެތެރެކުރާ ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ހޯލްސޭލްކޮށް ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް ވިއްކާ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރު އަލީ އިހުސާން ވިދާޅުވީ މިދިޔަ ހަފްތާތެރޭގައި ބޭރުގެ ސަޕްލަޔަރުންނަށް ކޮންޓެއިނަރ ލިބުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން ރާއްޖެއަށް ބަޓަރު ޝިޕްމަންޓު ލިބުމުގައި ދަތިވުމާއި ގުޅިގެން ބަޓަރު ލިބުމަށް ދަތިވިކަމަށެވެ. ނަމަވެސް މާދަމާ ބަޓަރުގެ އެހެން ޝިޕްމަންޓެއް ލިބޭނެކަމަށް އިހުސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމާ ގުޅިގެން ހެޕީ މާކެޓުން ވިއްކާ ބަޓަރުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި ހެޕީ މާކެޓުން ވިއްކާ ބަޓަރުގެ 250 ގްރާމް، 2.5 ކިލޯ އަދި 5 ކިލޯވެސް މާދަމައިން ފެށިގެން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް މުދާ ގެންނަ ރެޑްވޭވްގެ އޮޕަރޭޝަންސް މެނޭޖަރ އަލީ ޝަހީމް ވިދާޅުވީ އެ ފިހާރައިންވެސް މިދިޔަ ހަފްތާތެރޭގައި ބަޓަރު ހުސްވުމާއި ގުޅިގެން އެއަރޕްރައިޓްކޮށް ބަޓަރު ގެނެސް ވިއްކަމުންދާކަމަށެވެ. އަދި މިކަމާ ގުޅިގެން ކުރިން ވިއްކަމުންދިޔަ 200 ގްރާމްގެ އަލްމަރާ ބަޓަރު ބްލޮކެއްގެ އަގު 45 ރުފިޔާއިން 85 ރުފިޔާއަށް އުފުލުނުކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ކަނޑުމަގުންވެސް ވަރަށް އަވަހަށް ބަޓަރު ޝިޕްމަންޓެއް ލިބި، ބާޒާރަށް ނެރޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

ހޯލްސޭލް ކުރާ ތަންތަނުން ސްޓޮކް ނުލިބުމުން އާންމު ބައެއް ފިހާރަތަކުން މިދިޔަ ހަފްތާތެރޭގައި ބަޓަރު ލިބުމަށް ވަރަށް ދަތިވިއެވެ. ނަމަވެސް މިހާރު މަޑުމަޑުން އަނެއްކާވެސް ބަޓަރު ސްޓޮކް ލިބޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ކޭކު އަދި އެހެނިހެން ޕޭސްޓްރީ ހަދާއިރު ބޭނުންކުރާ ބަޓަރު ބްލޮކް މިދިޔަ ހަފްތާ ތެރޭގައި ހުސްވެ، ގިނަ ބަޔަކު މީސް މީޑިއާގައި މިވާހަކަ ވަނީ ދައްކާފައެވެ. މިގޮތުން ކާބޯތަކެތީގެ އެކި ބާވަތްތައް ތައްޔާރުކުރަން ބޭނުންކުރާ އަންސޯލްޓަޑް ބަޓަރު މިދިޔަ ހަފްތާގައި ގަންނަ ނުލިބޭކަމަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ބުނަމުންދިޔައެވެ.