ޚަބަރު

ޖިނާޢީ އިޖުރާޢަތުގެ ދަށުންހަދަންޖެހޭ ޤަވާއިދު، މުއްދަތު ހަމަވުމުގެ ކުރިން ހެދިން - އޭސީސީ


ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު ހަދާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

2017ވަނަ އަހަރުގެ ޖުލައ މަހުގެ 2 ވަނަ ދުވަހު ޢަމަލުކުރަންފެށި، ޖިނާޢީ ކުށްތައް ތަޙުޤީޤުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާފައިވާ ޖިނާއީ އިޖްރާޢަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު އެޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ހަދަންޖެހެއެވެ. ނަމަވެސް އެޤަވާއިދު އޭސީސީން ނުހަދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅާފައިވަނިކޮށް އޭސީސީން ރޭ ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވަނީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ވުޖޫދުވުމުގެ ކުރީން އޭސީސީން އެމައްސަލަތައް ތަޙުޤީޤުކުރުމުގައި އަމަލުކުރަމުން ދިޔަ އިޖުރާޢަތުތައް ލިޔެވިފައިވާނީ 23 ޑިސެމްބަރ 2010 ގައި ގެޒެޓްކުރެވުނު ގަވާއިދު ގައިކަމަށެވެ.

ނަމަވެސް އެޤަވާއިދު މިހާރު އުވާލާފައިވާއިރު، އެގަވާއިދަކީ، ޖިނާޢީ މައްސަލަތަކުގައި ޢަމަލުކުރާނެ ޢާންމު އިޖުރާއާތުތައް ބަޔާންކުރާ ޤާނޫނެއް އޭރު ވުޖޫދުވެފައި ނެތްނަމަވެސް، އެކޮމިޝަނުގެ ތަޙުޤީޤުތަކުގައި އެއް އުސޫލަކުން އަދި ޤާނޫނީ ހަމަތަކުގެ މަތީން ހަމަހަމަކަމާއެކު ތަހުޤީޤީ އިޖުރާއަތުތައް ކުރިއަށް ގެންދިޔުމުގެ މަޤްސަދުގައި އެކުލަވާލައި ޢަމަލުކުރަމުން އައި ގަވާއިދެއްކަމަށް ބުނެފައިވެއެވެ.

އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވުމުން އެ ޤާނޫނުގައި ބަޔާންކުރާ މަޤްސަދުތައް ޙާޞިލްކުރުމުގެ ބޭނުމުގައްޔާއި، އެ ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ތަޙުޤީޤުކުރުމާގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާތީ، ކުރީގައި ތަޙުޤީޤުކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން ޢަމަލުކުރަމުންދިޔަ ގަވާއިދު އުވާލައި މުޅީން އައު ޢާންމު ގަވާއިދެއް،އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޢާންމު ގަވާއިދުގެ ނަމުގައި ޤަވާއިދު އެކުލަވާލާ 2017 ވަނަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށާފައިވާކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އެގޮތުން، ޖީނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވާލައި އެންމެ ފުރަތަމަ ގެޒެޓްކުރި އިދާރާއަކީވެސް އޭސީސީކަމަށާއި، ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އޭސީސީން ހަދަންޖެހޭ ގަވާއިދު ހަދާފައިވާކަމަށް 2017 ވަނަ އަހަރުގެ ތެރޭގައި މީޑިއާ އިން ފާހަގަކޮށްފައިވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

އެގަވާއިދަށް ޢަމަލުކުރަން ފަށާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އައު މެންބަރުން އައްޔަންކޮށް މަޤާމާ ހަވާލުވުމަށްފަހު، ކޮރަޕްޝަން ހުއްޓުމުގެ ޤާނޫނީ ނިޒާމު ރިވިއުކުރުމުގެ މަސައްކަތް ފެށާ، އެ މަސައްކަތުގެ ދަށުން ކޮމިޝަނުގެ ޢާންމު ގަވާއިދު ރިވިއުކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ޚާއްސަ މަސައްކަތެއްގެ ގޮތުގައި މިހާރުވެސް ކުރަމުން އަންނަކަމަށް އޭސީސީން ވިދާޅުވެއެވެ.

އެހެންކަމުން، އޭސީސީއަށް މައްސަލަހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތްކަމަށްބުނުމަކީ ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ވާހަކައެއްކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.