މާލޭގެ އެކި ތަންތަނުގައި އުސޫލުތަކާއި ހިލާފަށް ހިންގާ ވިޔަފާރިތަކުގެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މޭޔަރ ސިފާ ވިދާޅުވީ ކުރިން މާލޭގައި ވިޔަފާރިއެއް ކުރާނަމަ އެފަދަ ކަމެއް ކުރަން އިކޮނޮމިކް މިނިސްޓްރީން ހުއްދަދެނީ ސިޓީ ކައުންސިލުން ފާސްކުރުމަށްފަހު ވަކި ޝަރުތުތަކެއް ހަމަވާނަމައެވެ. ނަމަވެސް މިފަހުން ވިޔަފާރި ރަޖިސްޓަރ ކުރުމަށް އޮންނަ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ގެނައި ބަދަލާއިއެކު ސިޓީކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި ވިޔަފާރިތައް ހުޅުވަމުންދާކަމަށް ސިފާ ވިދާޅުވިއެވެ. އަދި މިފަދަ ވިޔަފާރިތައް ހިންގުމުގައި ޤާނޫނާއި ހިލާފަށް ބޭރު މީހުން ކޭޝިއަރުންގެ ގޮތުގައިވެސް ބައިތިއްބާފައި ތިބޭކަމަށް ސިފާ ވިދާޅުވިއެވެ. އަދި މިފަދަ ތަންތަނުގައި ސިއްހީ ގޮތުންނާއި އެހެން ގޮތްގޮތުން ގިނަ މައްސަލަ ހުރިކަން ފާހަގަވެފައިވާކަމަށެވެ.
މޭޔަރ ވިދާޅުވީ ކައުންސިލްގެ ބޭނުމަކީ ތަންތަން ބަންދުކުރުން ނޫންކަމަށާއި ނަމަވެސް މިފަދަ ތަންތަނުގައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށެވެ. ސިފާ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކަމާބެހޭ އެކި އިދާރާތަކުން ތަންތަން ބަލާ ފާސްކުރުމަށް ކުރި މަސައްކަތުގެ ދަށުން އެއްވެސް ގޮތަކަށް ވިޔަފާރި ރަޖިސްޓަރނުކޮށް ހިންގަމުންދާ ތަންތަންވެސް ފާހަގަވެފައިވާކަމަށެވެ. އަދި މިގޮތުން ސިއްހީ ގޮތުންނާއި، އެހެން ގޮތް ގޮތުން އުސޫލުތަކަށް ނުފެތޭ 116 ތަނެއް އެބަހުރިކަން ފާހަގަވެފައިވާކަމަށް ސިފާ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ކުދި މާރުކޭޓާއި އެފަދަ ތަންތަން ހުރުމުން އާންމުނަށް ފަސޭހަތަކެއް ވާކަމަށެވެ. ނަމަވެސް ކާބޯތަކެތި ވިއްކާ މިފަދަ ހިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއި އެހެން ގޮތް ގޮތުން އަޅާން ޖެހޭ ފިޔަވާޅުތައް ފުރިހަމަ ކުރަންޖެހޭނެކަމަށެވެ. އަދި ވިޔަފާރި ރަޖިސްޓްރީކޮށްގެން އުސޫލާއި ހިލާފަށް ހިންގާ ތަންތަނުގައި ހުރި މައްސަލަތައް ހައްލުވަންދެން އެފަދަ ތަންތަން ބަންދުކުރުން މުހިންމުކަމަށް މޭޔަރ ވިދާޅުވިއެވެ.
މިކަމާބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓަރ އޮފް ކޮންޕެނީޒް މަރިޔަމް ވިސާމް ވިދާޅުވީ މިފަހުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއާއި، ފުލުހުން އަދި ސިޓީ ކައުންސިލާއި އެހެން އިދާރާތަކާއިއެކު ކުރިޔަށް ގެންދިޔަ އިންސްޕެކްޝަންތަކެއްގެ ތެރެއިން މައްސަލަތަކެއް ހުރި 116 ތަނެއް ފާހަގަވެފައިވާކަމަށެވެ. އަދި މިއީ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކަށް ނުވަތަ ކުންފުންޏެއްގޮތަށް ރަޖިސްޓަރ ކޮށްފައިނުވާ ތަންތަން ކަމަށް ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ތަންތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތައް އެކި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.