ޚަބަރު

ސިޔާމު ކުންފުނި ނެގި ލޯނާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާއި ސުވާލުކުރަން ނޯޓިސް ފޮނުވައިފި


މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ، ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް ކުރީގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާއި ގުޅިގެން، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ލޯނާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރަހީމް އަމީރާ ސަުވާލުކުރުމަށް ނޯޓިސް ފޮނުވައިފިއެވެ.

ކުރީގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓީ ދީގެން، ޗައިނާގެ އެގްޒިމް ބޭންކުން ސަން ސިޔާމް ކުންފުންޏަށް ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނެއް ޑިފޯލްޓްވެ އެފައިސާ ދައްކަން ސަރުކާރަށް ވަނީ އަންގާފައެވެ. މިމައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓަރާ ސުވާލުކުރުމަށް ހުށައަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަހްމަދު ނަސީމެވެ.

ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި 127 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ދޫކުރި ލޯނެކެވެ. އެ ލޯނު ޑިފޯލްޓްވެ 10 މިލިއަން ޑޮލަރު ދައްކަން އެ ބެންކުން ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ.

މިމައްސަލައާއި ގުޅިގެން މެންބަރު މީކާއީލް އެދިވަޑައިގެންފައިވަނީ ލިޔުމުން މިނިސްޓަރ މަޖިލީހަށް ޖަވާބު ދެއްވުމަށެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މިނިސްޓަރަކު މަޖިލީހަށް ޖަވާބުދާރީވާން ނޯޓިސް ފޮނުވާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެސުވާލުތަކަށް އެމިނިސްޓަރަކު ޖަވާބުދާރީވާންޖެހިވަޑައިގަންނަވައެވެ. މިމައްސަލައާއި ގުޅިގެން ސަން ސިޔާމް ކުންފުނި އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.