ވިޔަފާރި

އޭޕްރީލް އަދި މެއިމަހު އަލަށް ރަޖިސްޓްރީކުރި ވިޔަފާރީގެ އަދަދު މަދު


އަލަށް ރަޖިސްޓްރީކުރި ވިޔަފާރީގެ އަދަދު ނިމިގެންދިޔަ އެޕްރީލް އަދި މެއިމަހު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ރެޖިސްޓްރަރ އޮފް ކޮންޕެނީޒް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ރެޖިސްޓްރަރ އޮފް ކޮންޕެނީޒް މަރިޔަމް ވިޝާމް ވިދާޅުވީ އާއްމުގޮތެއްގައި ވިޔަފާރިއަށް ރަޖިސްޓްރީކުރާ މީހުންގެ ނިސްބަތް އުޅެނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 200 އާއި 250 އާއި ދެމެދުގައިކަމަށެވެ.

ވިސާމް ވިދާޅުވީ މިއަހަރުގެ އޭޕްރީލް މެއިމަހު މިއަދަދު ވަރަށްބޮޑަށް ދަށަށް ދިޔަކަމަށާއި ނަމަވެސް ޖޫން އަދި ޖުލައިގައި އަނެއްކާވެސް މިއަދަދު އިތުރުވެގެންދިޔަކަމަށް ވިސާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަތުގައި ހުރި ތަފާސް ހިސާބަށް ބަލާއިރު އޭޕްރީލްއާއި މެއިމަހު %85 ޙިދުމަތައް އެދޭ ފަރާތްތައް މި އުނިވެގެންދިޔައީ. ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ ތަފާސްހިސާބަށް ބަލާލާއިރުގައި އަލަށް ވިޔަފާރިއަށް ރަޖިސްޓްރީކުރާ ފަރާތްތައް މިއުޅުނީ ކޮންމެ މަހެއްގައި ގާތްގަނޑަކަށް 200 އާއި 250 ވަރުގައި. އެހެންނަމަވެސް އޭޕްރީލް މެއި މަހުގެ ތެރޭގައި ވަރަށް މަދު. އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ ޖޫން ޖުލައިގެ ތަފާސްހިސާބަށް ބަލާއިރުގައި އަނެއްކާވެސް ކުލޯޒްޓު %80 މިއޮތީ ޕިކްއަޕްކޮށްފައި" ވިޝާމް ވިދާޅުވިއެވެ.

އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް އޮންލައިންކޮށް އެކަންކަން ކުރެވޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. ވިސާމް ވިދާޅުވީ އޮންލައިންކޮށް މިކަންކަން ކުރެވޭނެ މަގު ފަހިވެފައިވުމުގެ ސަބަބުން ގިނަ ފަރާތްތަކަކުން އޮންލައިން ޙިދުމަތް އިޙްތިޔާރު ކުރާކަމަށެވެ. އަލަށް ވިޔަފާރި ފަށާ ފަރާތްތައް ޖޫން ޖުލައިގައި އިތުރުވެގެންދިއުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ވިސާމް ވަނީ ފާހަގަކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޙިދުމަތްތައް ކައުންޓަރު މެދުވެރިކޮށްވެސް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ލިބެން ހުންނާނެއެވެ. ނަމަވެސް އޮންލައިންކޮށް ލިބެންހުރި ޙިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ މިނިސްޓްރީން އެދެއެވެ. އޮންލައިންކޮށް ލިބެންހުރި ބައެއް ޙިދުމަތްތަކުގެ ތެރޭގައި ކުންފުނިތަކުގެ ނަން ފާސްކުރަން އެދުމާއި، އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ރަޖިސްޓްރީކުރަން އެދުމާއި، ކުންފުނި ރަޖިސްޓްރީކުރަން އެދުމުގެ އިތުރުން ކުންފުންޏާބެހޭ އެކި ކަންތައްތައް ހިމެނެއެވެ.